097
إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ ﴿ ١
ތަރުޖަމާ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلة القدر ވިލޭރޭގައެވެ. (1)
ތަފްސީރު
މުޙައްމަދު ﷺ އެވެ! ތިމަންރަސްކަލާނގެ މުޢުޖިޒާތެއް ކަމުގައިވާ އެ ޤުރްއާން ކަލޭގެފާނުގެ މައްޗަށް ބާވައިލެއްވީ ޤަދަރު އުފުލިގެންވާ ޝަރަފުވެރި ރޭގައެވެ. އެރެއަށް ﴿لَيْلَةِ ٱلْقَدْرِ﴾ ގެ ނަން ދެއްވާފައިވަނީ މާތް ﷲގެ ޙަޟްރަތުގައި އެރޭގެ ޝަރަފުވެރިކަން ބޮޑުވެފައި، އެރޭގެ ޤަދަރު އުފުލިގެންވާ ކަމަށްޓަކައެވެ. އެއީ، ބިންމައްޗަށް އިލާހީ ނޫރުން އަލިކުރި ރެއަށް ވާތީއެވެ. القدر އައިސްފައިވަނީ ޝަރަފުވެރިކަމާއި މަތިވެރިކަމުގެ މާނައިގައެވެ. ޢަރަބީން ބުނެ އުޅޭ "لِفلانٍ قَدرٌ عِندَ الأَمير" (އެވެނި މީހަކަށް ވެރިމީހާގެ ގާތުގައި ޝަރަފާއި މަތީ މަޤާމު ލިބިގެން ވެއެވެ.) މި ބަހުންނެވެ. ޤުރްއާން ބާވައިލެއްވުމުގެ މާނައަކީ ޤުރްއާން ބާވައިލައްވަން ފެށްޓެވުމެވެ. ދެން ވަކިވަކިން ތޭވީސް އަހަރަށް އެފޮތް ބާވައިލެއްވުން ދެމިގެން ދިޔައެވެ. އިބްނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ. "މާތް ﷲ އައްލައުޙުލްމަޙްފޫޡުން ދުނިޔޭގެ އުޑުގައިވާ ބައިތުލްޢިއްޒާ އަށް ޤުރްއާން ބާވައިލެއްވީ އެއް ފަހަރާއެވެ. ދެން އެކި ކަންކަމާ ގުޅޭ ގޮތުން ތޭވީސް އަހަރުގެ ތެރޭގައި ރަސޫލުﷲ ﷺ ގެ މައްޗަށް ބާވައިލެއްވީއެވެ.
ނޯޓް