ތަފްސީރު
އަދި ކަލޭގެފާނު އުފުއްލަވަމުން ގެންދެވި ބުރަ ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ. އެ ބުރައަކީ ކަލޭގެފާނު ހިތާމަލިބި، ހިތްޕުޅު ނުތަނަވަސްވެފައިވާ ބޭކަލަކަށް ވެވަޑައިގަންނަވާ ވަރަށް ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީ ބަލިކަށިކޮށްފައިވާ ބުރައެވެ. النقيض އަކީ ޙިމާރުގެ ބުރަކަށި މަތީގައި އުފުލާ ތަކެތިން ކިޔާ އަޑެވެ. މިއީ ޖައްސަވާފައިވާ މިސާލެކެވެ. ރަސޫލުﷲ ﷺ ކުރައްވަމުން ގެންދެވި ހިތާމަފުޅާއި، އެކަލޭގެފާނުގެ ހިތްޕުޅުގައި ވާ ނުތަވަސްކަމާއި، އެކަލޭފާނުގެ ޤައުމުގެ މީހުން އީމާންނުވާތީ އެކަލޭގެފާނު ދެރަފުޅުވުން މާތް ﷲ ސިފުކުރައްވާފައިވަނީ އެކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީ ބަލިކަށިކޮށްފައިވާ ބަރު އެއްޗެއްގެ ގޮތުގައެވެ. ދެން، މާތް ﷲ މި ވަޙީބަސްފުޅު ބާވައިލައްވައި، އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭފާނު ދޮގުކުރުމާމެދު އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވައި، އެކަލެގޭފަނުގެ ކަންބޮޑުވުމާއި، ހިތާމަފުޅު ފިއްލަވައި، އެކަލޭގެފާނުގެ ހިތްޕުޅަށް ހަމަޖެހުން ދެއްވިއެވެ. ﴿وِزْرَكَ﴾ މިބަސްފުޅުގައިވާ وزر އަކީ ބަދުރު ހަނގުރާމައިގެ އަސީރުން އަތުން ފިދްޔަ ނެންގެވުމާއި، މުނާފިޤުން ޖިހާދަށް ނުނުކުންނަށް އިޒުނަދެއްވުމާއި، ލޯފަން މީހާއަށް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ގޮތް ދައްކަވައި މޫނު އަނބުރާލެއްވުން ފަދަ، އަމިއްލަފުޅު އިޖްތިހާދުގެ މައްޗަށް ބިނާކުރައްވައި އެކަލޭގެފާނު ކުރެއްވި ކަންކަމެވެ. އަދި މިތަނުގައި وزر ގެ މުރާދަކީ ފާފައާއި ބޮޑެތި ކުށްތަކާއި މުންކަރާތެއް ނޫނެވެ. ފަހެ، ރަސޫލުﷲ ﷺ އަކީ އުރެދުމާއި ފާފައިން ރައްކާތެރިކުރައްވާފައިވާ މަޢުޞޫމު ބޭކަލެކެވެ. އަދި އެންމެންނަށްވެސް އެނގޭ ފަދައިން މަޢުޞޫމު ކަމަކީ ނަބީބޭކަލުންގެ ޚާއްޞަ ސިފަފުޅުތަކުގެ ތެރެއިން ސިފައެކެވެ. އަދި އެބޭކަލުންގެ މަތިވެރި މަޤާމަށް ނިސްބަތްކުރާއިރު، އެބޭކަލުންނަށް ގަސްތަކާނުލައި ކުރެއްވޭ ކަންތައްވެސް، އެކަންކަމަށް އެބޭކަލުން ޒިންމާވާން ޖެހިވަޑައިގަންނަވާ ފާފަތައް ކަމުގައި ވެދެއެވެ.