ތަފްސީރު
لَآ އައިސްފައި ވަނީ ނަފީގެ މާނައިގައެއް ނޫނެވެ. ގަދަކުރުމުގެ މާނައިގައެވެ. މާނައީ މާތް ﷲ ޝަރަފުވެރިކުރެއްވި ޙުރުމަތްތެރިވެގެންވާ ރަށް، މާތްވެގެންވާ މައްކާގައި ކަލޭގެފާނު ހުންނެވި ޙާލު އެއަމާންކަން ލިބިގެންވާ ރަށް ގަންދެއްވައި، ގަދަވެގެންވާ ހުވަޔަކުން ހުވައި ވަޙީކުރައްވަމެވެ. މާތްވެގެންވާ މައްކާއާއި، ނަބިއްޔާ މުޙައްމަދު ﷺ އެރަށުގައި ހުންނެވުން ގަންދެއްވައި މާތް ﷲ ހުވައި ވަޙީކުރެއްވީ މާތް ﷲގެ ޙަޟްރަތުގައި އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ މަތިވެރި ދަރަޖައާއި، އެކަލޭގެފާނުގެ ޤަދަރު ބަޔާންކުރެއްވުމަށެވެ. މައްކާ ޝަރަފުވެރިކުރައްވައި މާތްކުރެއްވި ސަބަބުތަކުގެ ތެރޭގައި އެކަލާނގެ ނަބިއްޔާ ﷺ އެރަށުގައި ހުންނެވުން ހިމުނުއްވާފައިވާ ކަން ދޭހަވާ ހިސާބަށެވެ. ދެން ނަބިއްޔާ ﷺ އެރަށުން ބޭރުކޮށްގެން މައްކާގެ ކާފިރުން ކުރި ފާފައިގެ ބޮޑުކަމާއި، އެއީ މާތް ﷲގެ ޙަޟްރަތުގައި އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެއްކަން އެންގެވުމަށެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. "މާތް ﷲގެ ޙަޟްރަތުގައި މުޙައްމަދު ﷺ އަށް ވުރެ ލޮބުވެތި އެއްވެސް ފުރާނައެއް އެކަލާނގެ ނުހައްދަވައެވެ. އަދި މުޙައްމަދު ﷺފިޔަވައި އެހެން އެއްވެސް މީހެއްގެ ޙަޔާތް ގަންދެއްވައި މާތް ﷲ ހުވައި ވަޙީކުރައްވާފައި ވާތީ ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ." ދެން އެކަލޭފާނު މިއާޔަތް ކިޔަވައިވިދާޅުވިއެވެ. ﴿لَعَمْرُكَ إِنَّهُمْ لَفِى سَكْرَتِهِمْ يَعْمَهُونَ﴾ (ކަލޭގެފާނުގެ ޙަޔާތްޕުޅު ގަންދެއްވައި ވަޙީކުރައްވަމެވެ. ހަމަކަށަވަރުން، އެއުރެންވަނީ، އެއުރެންގެ މަސްތުގެތެރޭގައި، ޙައިރާންވެ، ދެފުށުއެޅޭ ޙާލުގައެވެ.) މާނައީ: ކަލޭގެފާނުގެ ޙަޔާތްޕުޅު ގަންދެއްވަމެވެ. މިތަނުގައި ހުވައި ވަޙީކުރެއްވީ އެކަލޭފާނުގެ މައްކާގައި ހުންނެވުން ގަންދެއްވައެވެ. މިހުރިހާ ކަމަކީ ވެސް މާތް ﷲ އެކަލޭގެފާނުގެ ދަރަޖަ މަތިވެރިކުރެއްވުމެވެ.