ތަފްސީރު
މިއީ ވަޙީކުރައްވާފައިވާ ހުވައިތަކެކެވެ. މި ސޫރަތުގައި މާތް ﷲ ވަނީ ހަތަރު އެއްޗެއް ގަންދެއްވައި ހުވައި ވަޙީކުރައްވާފައެވެ. އެކަލާނގެ ރޭގަނޑު އަނދިރިކަން ފިލާގޮސް ފާޅުވާ ފަތިހުގެ އަލިކަން ގަންދެއްވިއެވެ. އަދި ބަރަކާތް ތެރި ދިހަ ރޭ ކަމުގައިވާ ޙައްޖު މަހުގެ ފުރަތަމަ ދިހަ ރޭ ގަންދެއްވިއެވެ. އަދި ހިރި ތަކެއްޗާއި، އޮނަހިރި ތަކެތި، އެބަހީ ކޮންމެ އެއްޗަކުންވެސް ޖޯޑު ހަމަވާ ޢަދަދާއި ޖޯޑު ހަމަނުވާ އެކަހެރި ޢަދަދު ގަންދެއްވިއެވެ. އެކަލާނގެ ގަންދެއްވާފައިވާ އޮނަހިރިއަކީ އެކަލާނގެ ޒާތުފުޅެވެ. އެކަލާނގެއީ އެއްވެސް ބައިވެރިއަކު ނުވާ އެއްކައުވަންތަ ރަސްކަލާނގެ ކަމުގައި ވާތީއެވެ. ހިރި ޢަދަދަކީ ޚަލްޤުތަކުންނެވެ. އަންހެން ފިރިހެން ޖޯޑު ހަމަވާތީއެވެ. މިއީ އިބްނު ޢައްބާސް رضي الله عنه ގެ ބަސްފުޅެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ.
މާތް އީ އޮނަހިރި ފަރާތެވެ. ތިޔަބައިމީހުންނީ ހިރި ޢަދަދުގެ މީހުންނެވެ. އެހެންކަމުން މިހުވައިގައި ޚާލިޤާއި މަޚްލޫޤުންވެސް ހިމެނޭތީ، މި ހުވަޔަކީ މި ޢާލަމް އެކުގައި ހިމެނޭ ހުވައެކެވެ. ﴿وَٱلَّيْلِ إِذَا يَسْرِ﴾ އަދި ދުވާލުގެ ޙަރަކާތް އައުމާ އެކު ރޭގަނޑު ހިނގައިދާ ހިނދު އެ ރޭގަނޑު ގަންދެއްވަމެވެ. މިއީ ރީތިކަމާއި ފުރިހަމަ ކަމުގެ އިންތިހާގައިވާ ސިފަކުރެއްވުމެކެވެ. މިތަނުގައި ރޭގަނޑު ސިފަކުރައްވާފައިވަނީ އަނދިރީގައި ދަތުރުކުރާ، ސަހަރާތައް ހުރަސްކޮށް ހިނގުމަށް ރޭގަނޑުގެ ވަތުރު އިޚްތިޔާރުކުރާ އިންސާނެއްގެ ގޮތުގައެވެ. އެހެނީ سَرَى ގެ މާނައަކީ ރޭގަނޑުގެ ވަގުތުގައި ހިނގުމެވެ. ނުވަތަ ރޭގަނޑު ސިފަކުރައްވާފައި މިވަނީ މީސްތަކުންނާއި، މުދަލަށް ރައްކާތެރިކަން ދިނުމަށް ރޭގަނޑު ހޭލާ ހިނގަހިނގައި ހުންނަ ފާރަވެރިޔާގެ ގޮތުގައެވެ. "وَاللَّيْلِ إِذَا مَضَى" މިއިބާރާތާއި، މުޢުޖިޒާތް އެކުލެވޭ ﴿وَٱلَّيْلِ إِذَا يَسْرِ﴾ އާއި ދެމެދު ކެއްޗާ ބިމާ ދެމެދު ހުރި ތަފާތު ވެއެވެ. މިހުރިހާ ކަމެއްގެ އިތުރުން ޢިބާރާތް ރީތިވުމުގައި އާޔަތްތައް އެއްގޮތްވުން ވެސް ހިމެނެއެވެ. އެކަލާނގެ "والليل إذا مضى" އޭ ވަޙީކުރެއްވިނަމަ ޖާދުލެއްފަދަ އެރީތިކަން ގެއްލި ދިޔައީހެވެ. ދެން މާތް ﷲ ވަޙީކުރައްވަނީ