ތަފްސީރު
އަދި ވަޢުދުކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ. އެއީ، އެންމެ ބޮޑު އެއްވުމުގެ ދުވަސްކަމުގައިވާ ޤިޔާމަތް ދުވަހެވެ. މާތް ﷲ އެންމެހާ ޚަލްޤުތަކުންނަށް އެދުވަސް އަންނާނެކަމަށް ވަޢުދުކުރައްވަމުން ވަޙީކުރައްވަނީ ﴿لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ﴾ (ޤިޔާމަތް ދުވަހުން، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާނެކަން ކަށަވަރެވެ. އެކަމާމެދަކު ޝައްކެއް ނެތެވެ.) މާތް ﷲ އެދުވަސް ގަންދެއްވައި ހުވައި ވަޙީކުރެއްވީ އެއީ އަނިޔާވެރިންނާއި، އަނިޔާ ލިބުނު މީހުންނާއި؛ ވެރިންނާއި، އެބައެއްގެ މައްޗަށް ވެރިކަން ކުރެވުނު މީހުން؛ ހެޔޮލަފާ މީހުންނާއި، ނުލަފާ ފާފަވެރިން އެއްތަނަކަށް އެއްވާ، އެދުވަހު އުޑުތަކާއި ބިމުގެ ޖައްބާރުވަންތަ، ރަސްވަންތަ ރަސްކަލާނގެ ނިޔާކުރައްވައި، އަޅުތަކުންގެ މެދުގައި އެކަލާނގެ ޢަދުލުވެރި ގޮތުގައި ނިޔާ ކަނޑައަޅުއްވާ ދުވަސް ކަމުގައި ވާތީއެވެ.