ތަފްސީރު
ދީނުގެ ކަންކަމާމެދު ސުވާލު ދަންނަވަން ލޯފަން މީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ. ތަފްސީރު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި ހިތްޕުޅާނުވާ ގޮތް މޫނުފުޅުން ދައްކަވައި ދުރަށް އެނބުރިވަޑައިގަތީ ރަސޫލުﷲ ﷺ އެވެ. ލޯފަން މީހަކީ ޢަބްދުﷲ ބިން އުއްމުމަކްތޫމް رضي الله عنه އެވެ. ޣާއިބުގެ ކަލިމަ ﴿عَبَسَ وَتَوَلَّىٰٓ﴾ ގެންނަވާފައިވަނީ އެކަލޭގެފާނަށް އޯގާތެރިވެވޮޑިގެން، އެކަލޭގެފާނު މާތްކުރެއްވުމަށެވެ. އެހެނީ، ސީދާ ބަހުން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ޢިތާބުކުރައްވައި عَبَسْتَ وَتَوَلَّيْتَ އޭ ވަޙީނުކުރައްވައެވެ. ސީދާ ބަހުން ޢިތާބުކުރުމުގައި ހަރުކަށިކަން އެކުލެވޭތީއެވެ. މި އާޔަތްތައް ބާވައިލެއްވި ސަބަބާ ބެހޭގޮތުން އައިސްފައިވެއެވެ. ރަސޫލުﷲ ﷺ އިންނެވީ ޤުރައިޝު ވަންހައިގެ ބޮޑުންނަށް (ޢުތުބާ، ޝައިބާ، އަބޫޖަހްލު، އަލްވަލީދު ބިން އަލްމުޣީރާ) އިސްލާމްދީނަށް ގޮވައިލެއްވުމުގައި މަޝްޣޫލުވެވަޑައިގެންނެވެ. އެކަލޭގެފާނު އެބައިމީހުން އިސްލާމްވުމަށް ދަހިވެތިވެ ވަޑައިގަންނަވައެވެ. އެބައިމީހުންނަށް ތަބަޢަވާ މީހުންވެސް އިސްލާމްވާނެ ކަމުގެ އުއްމީދުގައެވެ. އެކަލޭގެފާނު އެގޮތަށް މަޝްޣޫލުވެވަޑައިގެން އިންނަވަނިކޮށް، ލޯފަން ބޭކަލެއް ކަމުގައިވާ ޢަބްދުﷲ ބިން އުއްމުމަކްތޫމު رضي الله عنه ވަޑައިގެން ދެންނެވިއެވެ. ﷲގެ ރަސޫލާ ﷺ އެވެ. އަހުރެންނަށް އިރުޝާދުދެއްވާށެވެ. އަދި މާތް ﷲ ކަލޭގެފާނަށް އުނގަންނަވައިދެއްވާފައިވާ އެއްޗަކުން އަހުރެންނަށް އުނގަންނަވައިދެއްވާށެވެ. އަދި އޭނާ މިސުވާލު ތަކުރާރުކުރެއްވިއެވެ. އޭރު ރަސޫލުﷲ ﷺ އިންނެވީ ޤައުމުގެ މީހުންނާއެކު މަޝްޣޫލުވެވަޑައިގެން ކަމެއް އޭނާއަށް އެނގިވަޑައި ނުގަންނަވައެވެ. އެހިނދު، އޭނާ ވަޑައިގަތުމުން ރަސޫލާ ﷺ އެކަމާ ހިތްޕުޅާ ނުވެގެން އަނެއް ފަރާތަށް މޫނުފުޅު އަނބުރައިލެއްވިއެވެ. އަދި އެކަލޭގެފާނު އަމިއްލަފުޅު ނަފްސަށް ވިދާޅު ވިއެވެ. މިބައިމީހުން ބުނާނެއެވެ. އެކަލޭގެފާނަށް ތަބަޢަވަނީ ލޯފަންމީހުންނާއި، ދެރަނިކަމެތިންނާއި، އަޅުންނެވެ. ދެން އެކަލޭގެފާނުގެ މޫނުފުޅުން ހިތްޕުޅާނުވުމުގެ އަސަރު ފާޅުވިއެވެ. އަދި ޤުރައިޝުވަންހައިގެ ބޮޑުންނާ ދިމާއަށް އެނބުރިވަޑައިގެން ވާހަކަފުޅުދައްކަވަން ފެށްޓެވިއެވެ. އެހިނދު މާތް ﷲ މިއާޔަތްތައް ބާވައިލެއްވިއެވެ. ﴿عَبَسَ وَتَوَلَّىٰٓ * أَن جَآءَهُ ٱلْأَعْمَىٰ﴾ އެއަށްފަހު، ޢަބްދުﷲ ބިން އުއްމުމަކްތޫމު رضي الله عنه ވަޑައިގަންނަވާ ކޮންމެ ފަހަރަކު އޭނާއަށް މާތްކޮށް ހިތްތަވައި މިފަދައިން ވިދާޅުވާ ކަމުގައި ވިއެވެ. "مَرْحَبًا بِمَنْ عَاتَبَنِي فِيهِ رَبِّي" (مسند الفردوس بمأثور الخطاب لإبي شجاع الديلمي، حديث: 6805) (އެމީހަކަށްޓަކައި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނަށް ޢިތާބުގެބަސް ވަޙީކުރެއްވި މީހާއަށް މަރުޙަބާއެވެ.) އަދި އެކަލޭގެފާނު މަދީނާއިން ބޭރަށް ވަޑައިގަތް ދެފަހަރެއްގައި ޢަބްދުﷲ ބިން އުއްމު މަކްތޫމު ﷺ މަދީނާގެ ވެރިއަކަށް އިސްކުރެއްވިއެވެ. އޭނާއަކީ އެންމެ ފުރަތަމަ ހިޖުރަކުރި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ދެން އެކަލާނގެ ވަޙީކުރައްވަނީ