هَلْ أَتَىٰ عَلَى ٱلْإِنسَـٰنِ حِينٌ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًٔا مَّذْكُورًا ﴿ ١ ﴾
ތަފްސީރު
އިންސާނާ އިންސާނަކަށް ވުމުގައި މާތް ﷲގެ ޙައިރާންކުރަނިވި ހެކިތަކުގެ ތެރެއިން ހެތްކެކެވެ. އަދި އެކަލާނގެ ކުޅަދުންވަންތަކަމާއި، އެއްކައުވަންތަކަމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. މާތް ﷲ ވަނީ މިސާލެއް ނެތް ފަދަ ފުރިހަމަ ގޮތުގައި އޭނާ ޚަލްޤުކުރައްވާފައެވެ. އަދި އަޑުއެހުމާއި، ފެނުމާއި، ބުއްދިއާއި، ބަސްމޮށުންތެރިކަމާއި، ވިސްނުންތެރިކަމާއި، ހެޔޮނުބައި ވަކިކޮށް ދެނެގަތުމުގެ ބާރު ލައްވާފައެވެ. އިންސާނާ ޚަލްޤުކުރެއްވުމުގެ ކުރިން އޭނާވީ ކޮންތަނެއްގައި ހެއްޔެވެ؟ އޭނާ ވުޖޫދަށް ގެނައީ ކާކުހެއްޔެވެ؟ އެ ފުރިހަމަ ސޫރައިގައި އޭނާ ސޫރަކުރެއްވީ ކާކުހެއްޔެވެ؟ އެއީ ޢާލަމްތަކުގެ ވެރިރަސްކަލާނގެ، ﷲ ނޫން ހެއްޔެވެ؟ އެހެންކަމުން މާތް ﷲ މިވަނީ އަހަރުމެންނަށް ނެތުމުގެ ތެރޭން އުފެއްދެވުމާއި، ޚަލްޤުކުރެއްވުމާއި، ސޫރަކުރައްވައި، އެންމެ ފުރިހަމަ ސިފައިގައި ހެއްދެވުމުގެ ނިޢުމަތް ހަނދުމަކޮށްދެއްވާފައެވެ. މާނައީ ހަމަކަށަވަރުން އިންސާނާ ދިރުމެއް ނެތް ތަކެތީގެ ތެރޭގައި ވީ ދިގު ޒަމާންތަކެއް އޭނާގެ މައްޗަށް ވޭތުވެގެން ގޮސްފައި ވެއެވެ. އޭނާގެ ނަންނުގަނެވި، އޭނާގެ އަސަރެއްވެސް ނެތިއެވެ. ދެން، ނެތުމުގެ ތެރެއިން ކައުނު އުފެއްދެވި، އިސްވެދިޔަ މިސާލެއް ނެތި އިންސާނާ ޚަލްޤުކުރެއްވި ރަސްކަލާނގެ އޭނާ ވުޖޫދަށް ގެންނެވިއެވެ. މިއާޔަތުގައި އިޝާރާތްކުރައްވާފައި ވަނީ ފުރާނައެޅުއްވުމުގެ ކުރިން އިންސާނާ ކަޑައްތުކުރި މަރުޙަލާތަކަށެވެ. މަނި ތިއްކަކުން، ގަނޑު ލޭކޮޅަކަށް، ދެން ހަފާލެވޭވަރުގެ މަސްކޮޅަކަށް، ދެން މަހާއި ކަށްޓަށް ބަދަލުވި މަރުޙަލާތަކެވެ. ދެން މާތް ﷲ ފުރާނަ އެޅުއްވުމުން އޭނާ ފުރިހަމަ އިންސާނަކަށް ވިއެވެ.