قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًا ﴿ ١ ﴾
ތަފްސީރު
ޖިންނީންނަކީ މާތް ﷲގެ ޚަލްޤުތަކުންގެ ތެރެއިން މަޚްލޫޤެކެވެ. އަދި އެބައިމީހުންނަކީ ޝަރުޢީ ތަކުލީފުތައް ލިބިގެންވާ މުކައްލަފުންނެވެ. އެބައިމީހުންގެ ތެރޭގައި މުއުމިނުންނާއި ކާފިރުން ވެއެވެ. ހެޔޮލަފާ މީހުންނާއި ނުބައި މީހުން ވެއެވެ. އެބައިމީހުންނަށް ވަނީ އަލިފާނުން އުފެދިފައިވާ ނުފެންނަ ހަށިތަކެކެވެ. އެބައިމީހުންނީ ސިފައާއި ބައްޓަމުގައި އަހަރުމެން އިންސާނުންނާ މަލާއިކަތުންނާ މުޅިން ތަފާތު ބައެކެވެ. އެބައިމީހުންގެ އެންމެ ޙައިރާންކުރުވަނިވި އެއްކަމަކީ އެބައިމީހުންނަށް އަހަރުމެން ފެންނައިރު އަހަރުމެންނަށް އެބައިމީހުން ނުފެނުމެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿إِنَّهُۥ يَرَىٰكُمْ هُوَ وَقَبِيلُهُۥ مِنْ حَيْثُ لَا تَرَوْنَهُمْ﴾ އެބަހީ ތިޔަބައިމީހުންނަށް އެބައިމީހުން ނުފެންނައިރު، ޝައިޠާނާއާއި އޭނާގެ ޖަމާޢަތަށް ތިޔަބައިމީހުން ފެނެއެވެ. އަހަރުމެންނަށް މަލާއިކަތުން ނުފެންނަ ގޮތް ހެއްދެވި ފަދައިން މާތް ﷲ އަހަރުމެންނަށް ޖިންނީން ނުފެންނަ ގޮތް ހައްދަވާފައި ވަނީ އަހަރުމެން އިމްތިޙާނުކުރެއްވުމުގެ ގޮތުންނެވެ. އަހަރުމެންގެ ކިބައިގައި ޣައިބަށް އީމާންވުން ޙަޤީޤަތަކަށް ވުމަށްޓަކައެވެ. އާޔަތުގެ މާނައީ: މުޙައްމަދު ﷺ އެވެ! ކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނަށް ވަޙީ އިއްވަވައި އެންގެވިއެވެ. ތިިމަންކަލޭގެފާނު ޤުރްއާން ކިޔަވައި ވިދާޅުވަނިކޮށް، ޖިންނީންގެ ބަޔަކު ތިމަންކަލޭގެފާނު ކިޔަވައިވިދާޅުވި އަޑު އަހައިފިއެވެ. ދެން އެބައިމީހުން އެބައިމީހުންގެ ޤައުމުގެ މީހުންނަށް ބުންޏެވެ. މުޙައްމަދު ﷺ ކިޔަވައިވިދާޅުވަނިކޮށް އަހަރުމެން ޢަޖާއިބުވާފަދަ ޤުރްއާނުގެ އަޑުއަހައިފީމެވެ. އެއީ އިންސާނުންގެ ވާހަކައާ ވައްތަރު އެއްޗެއް ނޫނެވެ.