إِنَّآ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ ﴿ ١ ﴾
ތަފްސީރު
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނަބީބޭކަލުންގެ ޝައިޚު ނޫޙު عليه السلام ޢަރަބިކަރައިގެ ވަޒަންވެރިންގެ ގާތަށް ފޮނުއްވީމެވެ. (އެކަލޭގެފާނު އުޅުއްވީ ކޫފާގައެވެ.) ކަލޭގެފާނުގެ ޤައުމުގެ މީހުން އީމާންވެ ބުދަށް އަޅުކަންކުރުން ދޫކޮށްނުލައިފިނަމަ، މާތް ﷲގެ ގަދަފަދަ ވޭންދެނިވި ޢަޛާބާމެދު އެބައިމީހުންނަށް އިންޒާރުކުރައްވާށޭ އަންގަވަމުންނެވެ. ނޫޙު عليه السلام ގެ ޤައުމުގެ މީހުންނަކީ އެންމެ ފުރަތަމަ ބުދަށް އަޅުކަންކުރި މީހުންނެވެ. އަދި އެންމެ ފުރަތަމަ މާތް ﷲއަށް ކާފިރުވެ، އުރެދުމުގެ މަތީގައި ދެމިތިބި މީހުންނެވެ. އިބްނު ޢައްބާސް رضي الله عنه ވިދާޅުވާ ގޮތުގައި، ނޫޙު عليه السلام އާއި އާދަމު عليه السلام އާ ދެމެދު އެންމެހާ މީސްތަކުން އެއްކައުވަންތަކުރުމާއި އީމާންކަން މަތީ ތިބެގެން ދިހަ ޤަރުނު (އެއްހާސް އަހަރު) ވޭތުވެގެން ގޮސްފައި ވެއެވެ. ނޫޙު عليه السلام ގެ ޒަމާނާ ހަމައިން އެބައިމީހުން ކާފިރުވެ މާތް ﷲއަށް އުރެދެން ފަށައިފިއެވެ.