ތަފްސީރު
މިސޫރަތުގެ ކުރީކޮޅު ބާވައިލެއްވީ ޢަޛާބު އަވަސްކުރެއްވުމަށް އެދޭ މައްކާގެ މުޝްރިކުންގެ މޮޔައިންނާ ބެހޭ ގޮތުންނެވެ. ސުވާލުކުރި މީހަކީ ޤުރައިޝު ވަންހައިގެ އެންމެ ޖައްބާރު، ނުލަފާކަމުގައި ޙައްދުފަހަނައަޅައި ގޮސްފައިވާ ބޮޑެއް ކަމުގައިވާ އައްނަޟްރު ބްނުލް ޙާރިޘްއެވެ.
މާނައީ: ޢިއްޒަތްތެރިކަމާއި މަތިވެރިވަންތަކަމުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން އެއްވެސް ޝައްކެއް ނެތި އޭނާއަށާއި އޭނާގެ ޤައުމަށް އަންނާނޭ ޢަޛާބަކަށް އެދި މައްކާގެ ކާފިރުންގެ ތެރެއިން މީހަކު ގޮވިއެވެ. އެ ޢަޛާބު އަތުވެއްޖެނަމަ ދުރުނުކުރައްވާނެއެވެ. އެހެނެއްކަމަކު، އެއީ އެންމެ މަތިވެރިވަންތަ ރަސްކަލާނގެ ޙަޟްރަތުން އަންނަ ޢަޛާބަކަށް ވާއިރު، އޭނާ އެޢަޛާބަށް އެދެނީ ކީއްވެގެން ހެއްޔެވެ؟ މާތް ﷲގެ މަތިވެރިކަމާ ކީރިތިކަމާ މެދު އޭނާ ބިރުވެތިނުވަނީ ހެއްޔެވެ؟ ﴿مِّنَ ٱللَّـهِ ذِى ٱلْمَعَارِجِ﴾ އެ ޢަޛާބު އަންނަނީ އެކަލާނގެ އަމުރުފުޅުތަކާ، ވަޙީޢާއެކު މަލާއިކަތުން އަރައި ފައިބާ މަގުތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުންނެވެ.