ٱلْحَمْدُ لِلَّهِ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَجَعَلَ ٱلظُّلُمَـٰتِ وَٱلنُّورَ ۖ ثُمَّ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ يَعْدِلُونَ ﴿١﴾ ﴿ ١ ﴾
ތަފްސީރު
މިގޮތަށް ފަށްޓަވާފައި މިވަނީ މާތް ﷲގެ ޙަޟްރަތުން އެކަލާނގެ އަޅުތަކުންނަށް ﴿ٱلْحَمْدُ لِلَّهِ﴾ މި ޢިބާރާތުން އެކަލާނގެއަށް ޙަމްދު ކުރާނެ ގޮތް ދަސްކޮށްދެއްވުމަށެވެ. މާނައީ އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ޙަމްދުކޮށް ސަނާކިޔަން އެދޭނަމަ الْحَمْدُ لِلَّهِ މިފަދައިން ކިޔާށެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިޙްސާންތެރިވެވޮޑިގެން ކޮށްދެއްވާފައިވާ ހެޔޮކަންތަކަށް ޓަކައި ތިމަންރަސްކަލާނގެ ޙަޟްރަތަށް ޝުކުރުވެރިވާށެވެ. އެހެނީ، ތިމަންރަސްކަލާނގެއީ ހުރިހާ ޙަމްދެއް ޙައްޤުވެވޮޑިގެންވާ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ވަނީ ނެތުމުގެ ތެރޭން އުޑުތަކާއި ބިން، އެތަންތަނުގައިވާ އެކި ވައްތަރުގެ ޢަޖާއިބުތަކާއި، ލޯތަކާއި ސިކުނޑިތައް ޙައިރާންކުރުވާ ފަދަ ވައްތަރުވައްތަރުގެ މަޚްލޫޤާތުތަކާ އެކު، އުފައްދަވައި ފުރިހަމަ ކުރައްވާފައެވެ. އެކަލާނގެ ވަނީ ތިޔަބައިމީހުންނަށްޓަކައި ރެއާއި ދުވާ އުފައްދަވާފައެވެ. އެއީ، މާތް ﷲގެ ކުޅަދުންވަންތަކަމަށް ދަލީލުކުރާ، ބުއްދި ޙައިރާންކުރުވާ ދަލީލުތަކުގެ ތެރެއިން ދެ ދަލީލެވެ. ދެންވެސް، މާތް ﷲގެ ނިޢުމަތްތަކަށް އިންކާރުކުރާ ކާފަރުން އެކަލާނގެއާ އަމިއްލައަށް އެއްވެސް އެއްޗެއް ޚަލްޤު ނުކުރެވޭ އަދި އޭގެ ޒާތުގައި ޚަލްޤުކުރެވިފައިވާ ތަކެއްޗާ އެއްވަރުކުރެއެވެ. މާތް ﷲގެ ވަޙީބަސްފުޅު ﴿يَعْدِلُونَ﴾ އައިސްފައިވަނީ العدل އިންނެވެ. އެއީ ހަމަހަމަކުރުމެވެ. ޢަރަބިން ބުނެ އުޅެއެވެ. عدلت هذا بهذا (އަހަރެން މިއެއްޗާ އެއެއްޗާ ހަމަހަމަކޮށްފީމެވެ.) އެހެންކަމުން މާތް ﷲގެ ވަޙީބަސްފުޅުގެ މާނައީ އެބައިމީހުން މާތް ﷲއާ އެހެން ތަކެއްޗާ ހަމަހަމަކޮށް އެއްވަރު ކުރެއެވެ. އެއީ ބުދުތަކެވެ.