يَـٰٓأَيُّهَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ ۖ تَبْتَغِى مَرْضَاتَ أَزْوَٰجِكَ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ﴿١﴾ ﴿ ١ ﴾
ތަފްސީރު
މިސޫރަތުގައި ހުށަހަޅުއްވާފައި ވަނީ ނަބަވީ ގަނޑުވަރުގައި ރަސޫލުﷲ ﷺ އެކަލޭގެފާނު އަނބިއަނބިކަނބަލުންނާއެކު ވޭތުކުރެއްވި ޙަޔާތްޕުޅުން ޞަފްޙާއެކެވެ. ސޫރަތް ފަށްޓަވާފައިވަނީ މާތް ﷲ ހުއްދަކުރައްވާފައިވާ ކަމެއް ރަސޫލުﷲ ﷺ އަމިއްލަފުޅު ނަފްސުގެ މައްޗަށް ޙަރާމްކުރެއްވީތީ އެކަލޭގެފާނަށް މާތް ﷲ ކުރައްވާފައިވާ ލުއިލުއި އޯގާތެރި ޢިތާބަކުންނެވެ. ރަސޫލާ ﷺ އަށް އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދެއްވާފައިވާ މާތްކަމާއި މަތިވެރި ދަރަޖަ މިޢިތާބުން ހާމަވެގެން ދެއެވެ.
އާޔަތުގެ މާނައީ: އުޑުން ވަޙީ ބާވައިލެއްވޭ މާތް ނަބިއްޔާ ﷺ އެވެ! މާތް ﷲ ކަލޭގެފާނަށް އަންހެނުންގެ ކިބައިން ޙަލާލުކުރައްވަފައިވާ ކަންކަން އަމިއްލަފުޅު ނަފްސަށް މަނާކުރައްވައި، އެކަނބަލުންނާއެކު ރޭކުރެއްވުމުން މަނާވެވަޑައިގަންނަނީ ކީއްވެގެންތޯއެވެ؟ އެކަމުން، މާތް ﷲ ޙަލާލުކުރައްވާފައިވާ ކަމެއް ޙަރާމްކުރައްވައިގެން، ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ރުއްސެވުންތޯއެވެ؟ މާތް ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ތަނަވަސް ރަޙްމަތުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ވަނީ ހުއްދަ ކަމަކުން އަމިއްލަފުޅަށް މަނާވެވަޑައިގަތުން ކަލޭގެފާނަށް ޢަފޫކުރައްވާފައެވެ. މިއާޔަތުގައި ވަޙީކުރައްވާ ފަދައެވެ. ކަލޭގެފާނު އެކަނބަލުންގެ ރުއްސެވުން ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވުމަށްވުރެ ކަލޭގެފާނުގެ އަނބިއަނބިކަނބަލުން ކަލޭގެފާނުގެ ރުއްސެވުން ހޯއްދަވަން މަސައްކަތްކުރެއްވުން މާ އައުލާކަން ބޮޑެވެ.