يَـٰٓأَيُّهَا ٱلنَّبِىُّ إِذَا طَلَّقْتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا۟ ٱلْعِدَّةَ ۖ وَٱتَّقُوا۟ ٱللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّآ أَن يَأْتِينَ بِفَـٰحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ ٱللَّهِ ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدْ ظَلَمَ نَفْسَهُۥ ۚ لَا تَدْرِى لَعَلَّ ٱللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا ﴿ ١ ﴾
ތަރުޖަމާ
އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން عدّة ގުނާހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި اللَّه އަށް، ތިޔަބައިމީހުން تقوى ވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި اللَّه ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ نفس އަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) اللَّه އެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާޔަކަށް ނޭނގެތެވެ. (1)
ތަފްސީރު
ނަބިއްޔާ ﷺ އަށް މުޚާޠަބު ކުރެއްވިޔަސް، މިއީ މުޅިއުއްމަތަށް އައިސްފައިވާ ޙުކުމެކެވެ. ގޮވައިލެއްވުމުގައި ރަސޫލުﷲ ﷺ ޚާއްޞަކުރެއްވީ އެކަލޭގެފާނު މަތިވެރިކުރައްވައި، ޝަރަފުވެރިކުރެއްވުމަށެވެ. ﴿طَلَّقْتُم﴾ މި ލަފުޒު ޖަމްޢުކޮށް ގެންނަވާފައި ވަނީ ވެސް އެކަލޭގެފާނު މަތިވެރިކުރެއްވުމުގެ ގޮތުންނެވެ. މާނައީ: ރަސޫލާ ﷺ އެވެ! އަދި މުއުމިނުންނޭވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، އެކަނބަލުން ޙައިޟުން ޠާހިރުވެގެންވާ ޙާލު، ޠުހުރުގެ ދުވަސްތަކުގައި، ރުޖޫޢަކުރެވޭ އެއްވަރިން ވަރިކުރާށެވެ. އަދި ޙައިޟުގެ ދުވަސްވަރު ތިޔަބައިމީހުން އެކަނބަލުން ވަރިނުކުރާށެވެ. އެހެން ހަދައިފިނަމަ، އެކަނބަލުންނަށް ޢިއްދައިގެ ދުވަސް ދިގުވެ ގެއްލުންވާނެތީއެވެ. ﴿وَأَحْصُوا۟ ٱلْعِدَّةَ﴾ އަދި ޢިއްދައިގެ ދުވަސްތައް ރަނގަޅަށް ގުނައި ތިން ޙައިޟު ފުރިހަމަކުރާށެވެ. ނަސަބު އޮޅުނަ ނުދިނުމަށްޓަކައެވެ. ﴿وَٱتَّقُوا۟ ٱللَّـهَ رَبَّكُمْ﴾ އަދި މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރައްވާފައިވާ ކަންތަކުން ދުރުހެލިވެ، އެކަލާނގެއަށް ބިރުވެތިވާށެވެ. ﴿لَا تُخْرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّآ أَن يَأْتِينَ بِفَـٰحِشَةٍ مُّبَيِّنَةٍ﴾ ތިޔަބައިމީހުން އެކަނބަލުންނާ ވަކިވުމަށްފަހު، އެކަނބަލުންގެ ޢިއްދައިގެ ދުވަސްތައް ހަމަވަންދެން، ތިޔަބައިމީހުން އެކަނބަލުން ދިރިއުޅޭތަނުން އެކަނބަލުން ނުނެރާށެވެ. އަދި އެކަނބަލުން އަމިއްލައަށް ވެސް ނުނުކުންނާށެވެ. އެބަހީ، ތިޔަބައިމީހުން އެކަނބަލުންނަށް ނުކުތުމުގެ ހުއްދަ ނުދޭށެވެ. ހުތުރު ވާހަކަ ދެއްކުމާއި، ފިރިމީހާއާއި އޭނާގެ ޢާއިލާއަށް ހަޑިހުތުރު އެއްޗެތި ކިއުންފަދަ ހުތުރުކަން ބޮޑުވެގެންވާ ޢަމަލެއް އެކަނބަލުން ކުރުމުން މެނުވީއެވެ. އެހާލަތުގައި ފިރިމީހާގެ ގޭގައި ހުރުމުގެ ޙައްޤު އޭނާއަށް ގެއްލުނީއެވެ. އަދި ފިރިމީހާގެ ގެއިން އޭނާ ބޭރުކުރެވޭނެއެވެ. ބުނެވުނެވެ. الفاحشة އަކީ ޒިނޭކުރުމެވެ. އަދި އަންހެންމީހާ ނެރެވެނީ ޙައްދު ޖެހުމަށްޓަކައެވެ. އެއީ ބަލިކަށި ބަހެކެވެ. އެހެނީ، އޭނާ ޒިނޭކުރިނަމަ ފިރިމީހާގެ ގޭގައި އޭނާ ބަހައްޓަން އަމުރުނުކުރައްވާނެއެވެ. އިބްނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ. ދޫ ނުބައިވުމެވެ. އެބަހީ ތިޔަބައިމީހުންނާ ދިމާއަށް ހުތުރު އެއްޗެތި ކިއުމެވެ. ވަރިކުރެވުނު އަންހެނާ އޭނާގެ ގެއިން، އެބަހީ އޭނާގެ ފިރިމީހާގެ ގެއިން، ބޭރުނުކުރުމަށް މާތް ﷲ އަންގަވާފައި ވަނީ މަތިވެރި ޙިކްމަތަކަށްޓަކައިކަން ކަށަވަރެވެ. އެއީ، ފިރިމީހާގެ ރުޅިގަނޑު މައިތިރިވުމަށްފަހު، އޭނާ ބަލިކަށިވެ، މޮޅިވެރި ޙާލުގައި އިންނަތަން ފިރިމީހާއަށް ފެނުމުން އޭނާގެ ހިތްމަޑުވެ ރުޖޫޢަކޮށްފާނޭ ކަމަށެވެ. ނުވަތަ އަންހެންމީހާއަށް ކުށެއް ކުރެވުނު ނަމަ އޭނާ އެކަމާ ދެރަވެ، މާފަށް އެދި، ފިރިމީހާ ރުއްސަން މަސައްކަތް ކުރުމުން ކަންކަން ހަމަމަގަށް އެޅިދާނެތީ އެވެ. ވަރިއަށް ފަހު އަންހެންމީހާ ގެއިން ނުކުމެގެން ހިނގައްޖެނަމަ، ނުވަތަ ފިރިމީހާ އޭނާ ގެއިން ބޭރުކޮށްލައިފިނަމަ، ދެމީހުންގެ ދެމެދުގައި ވާ ނަފުރަތާއި ދުރުވުން ބޮޑުކުރަން ޝައިޠާނާ މަސައްކަތްކުރާނެއެވެ. އޭރުން، ގުޅުން ދެމެހެއްޓުމުގެ މަޤްޞަދު ޙާޞިލު ނުވާނެއެވެ. ﴿وَتِلْكَ حُدُودُ ٱللَّـهِ ۚ وَمَن يَتَعَدَّ حُدُودَ ٱللَّـهِ فَقَدْ ظَلَمَ نَفْسَهُۥ ۚ لَا تَدْرِى لَعَلَّ ٱللَّـهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا﴾ މާތް ﷲ ތިޔަބައިމީހުންނަށް ޝަރުޢުކުރެއްވި މިޙުކުމްތަކަކީ، އެކަލާނގެ ކަނޑައަޅުއްވާފައިވާ ޙުރުމަތްތެރިވެގެންވާ އިންތަކެކެވެ. އެއިންތައް ފަހަނައަޅައި ދިއުން އެއްވެސް މުސްލިމަކަށް ހުއްދަ ނުވާނެއެވެ. މި ޙުކުމްތަކާ ޚިލާފުވާ މީހާ، މާތް ﷲގެ ޢަޛާބަށް އޭނާގެ ނަފުސު ހުށަހަޅައި، އެ ނަފުސަށް އަނިޔާވެރި ވެގެންފިއެވެ. އަދި އޭނާގެ އަނބިމީހާ ތިންފަހަރު ވަރިކޮށްފިނަމަ، ނުވަތަ ރުޖޫޢަނުވެވޭ ވަރިއަކުން ވަރިކޮށްފިނަމަ ރުޖޫޢަކުރުމުގެ ފުރުޞަތު ގެއްލުވާލައިގެން އަމިއްލަ ނަފުސަށް ގެއްލުންދީފިއެވެ. ﴿لَا تَدْرِى لَعَلَّ ٱللَّـهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا﴾ މާނައީ ވަރިކުރާ މީހާއެވެ! ވަރިއަށްފަހު މާތް ﷲ މެދުވެރިކުރައްވާނީ ކޮންގޮތެއްކަން ތިބާއަށް ނޭނގެއެވެ. މާތް ﷲ އޭނާގެ ހިތުގައި އަނބިމީހާއާމެދު ވާ ރުޅިވެރިކަން، ލޯތްބަށް ބަދަލުވެސް ކުރައްވައިފާނެއެވެ. އަދި އޭނާއަށް ކުރާ ނަފްރަތު ޝައުޤުވެރިކަމަށް ބަދަލުކުރައްވައިފާނެއެވެ. ފަހެ، ހިތްތައް ވަނީ މާތް ﷲގެ ބާރުވެރިކަމުގެ ދަށުގައެވެ. އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އެހިތްތައް ބަދަލުކުރައްވައެވެ. މާތް ﷲއަށް ތަޤްވާވެރިވުން މެނުވީ އިންސާނާގެ މައްޗަށް ނުވެއެވެ. މާތް ﷲ އޭނާގެ ކަންތަކުގައި އޭނާއަށް މަގެއް ދައްކަވާނެއެވެ. މިއީ ހިތްތައް ހަމަޖެއްސެވުމަށާ، ޝުޢޫރުތައް މަޑުކުރެއްވުމަށް ގެންނަވާފައިވާ ވަރަށް ފުރިހަމަ ބަސްފުޅެކެވެ. މިއާޔަތް ބާވައިލެއްވި ސަބަބާ ބެހޭ ގޮތުން އަލްބުޚާރީ ރިވާކުރައްވާފައިވެއެވެ. عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّهُ طَلَّقَ امْرَأَتَهُ وَهْىَ حَائِضٌ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَسَأَلَ عُمَرُ بْنُ الْخَطَّابِ رَسُولَ اللَّهِ صلى الله عليه وسلم عَنْ ذَلِكَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " مُرْهُ فَلْيُرَاجِعْهَا، ثُمَّ لِيُمْسِكْهَا حَتَّى تَطْهُرَ ثُمَّ تَحِيضَ، ثُمَّ تَطْهُرَ، ثُمَّ إِنْ شَاءَ أَمْسَكَ بَعْدُ وَإِنْ شَاءَ طَلَّقَ قَبْلَ أَنْ يَمَسَّ، فَتِلْكَ الْعِدَّةُ الَّتِي أَمَرَ اللَّهُ أَنْ تُطَلَّقَ لَهَا النِّسَاءُ ". (صحيح البخاري: كتاب الطلاق، بَابُ قَوْلُ اللَّهِ تَعَالَى: {يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ}) (ޢަބްދުﷲ ބިން ޢުމަރު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ﷺ ގެ ޒަމާނުގައި ޢަބްދުﷲ رضي الله عنه އެކަލޭގެފާނުގެ އަނބިކަނބަލުން ޙައިޟުވެ އިންނަވަނިކޮށް ވަރިކުރެއްވިއެވެ. ދެން، ޢުމަރު رضي الله عنه އެކަމާ ބެހޭގޮތުން ރަސޫލުﷲ ﷺ އަށް ސުވާލުދެންނުވުމުން އެކަލޭގެފާނު ޢުމަރު رضي الله عنه އަށް ވިދާޅުވިއެވެ. އޭނާގެ އަނބިމީހާ ރުޖޫޢަކުރަން އޭނާއަށް އަމުރުކުރައްވާށެވެ. ދެން އޭނާ ޠާހިރުވުމަށް ފަހު، އަނެއްކާ ޙައިޟުވެ، ދެން ޠާހިރުވަންދެން އޭނާ ހިފަހައްޓާށެވެ. ދެން އެއަށް ފަހު އަނބިމީހާ ވަރިކުރަން އޭނާއަށް ފެނިއްޖެނަމަ، އޭނާއާ އެކު އެއްދާން ކުރުމުގެ ކުރިން އޭނާ ވަރިކުރާށެވެ. އަންހެނުން ވަރިކުރުމުގައި ބެލުމަށް މާތް ﷲ އަމުރުކުރައްވާފައިވާ ޢިއްދައަކީ އެއީއެވެ.) (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 5251) ޙައިޟުގެ ދުވަސްވަރު ވަރިކުރުމަކީ ސުންނަތާ ޚިލާފު "ބިދުޢަ" ވަރިއެކެވެ. އެކަމަކު އެ ވަރި ވާނެއެވެ. އަދި އެއީ ވަރިއެއްކަމުގައި ގުނޭނެއެވެ. އެކަލޭގެފާނު "އޭނާ ގާތުގައި ބުނާށެވެ. އަނބިމީހާ ރުޖޫޢަކުރާށެވެ." މިހެން ޙަދީޘުކުރައްވާފައި ވާތީއެވެ. އެ ވަރި ނުވާނަމަ ރުޖޫޢަކުރަން ނުޖެހުނީހެވެ. ސުންނަތާއި އެއްގޮތަށް ކުރެވޭ ވަރިއަކީ އަނބި މީހާއާއި ޖިމާޢުނުވާ ޠުހުރެއްގައި ކުރެވޭ ވަރިއެވެ. އިބްނުލްޤައްޔިމް ވިދާޅުވިއެވެ. ވަރިއަކީ ކައިވެނީގެ ބޮޅުތައް ވަކިކޮށްލާ، މާތް ﷲގެ ޢަދުއްވު ޝައިޠާނާ އެދޭގޮތަށް (އެކަލޭގެ އެދެނީ ދެމަފިރިން ވަކިވުމެވެ.) ކުރެވޭ ކަމަކަށް ވާތީ މާތް ﷲ ނުރުއްސެވިއަސް، ފިރިމީހާ ނުވަތަ އަނބިމީހާއަށް އެކަން ބޭނުންވެދާނެތީ، އެކަމުން މަސްލަޙަތު ޤާއިމުވެ އޮންނަ ގޮތަށް މާތް ﷲ އެކަން ޝަރުޢުކުރެއްވީއެވެ. އަދި އެނޫން ގޮތަކަށް އެކަން ކުރުން ޙަރާމްކުރެއްވިއެވެ. އެގޮތުން ފިރިމީހާއަށް ހުއްދަކުރެއްވީ ޖިމާޢުވެފައިނުވާ ޙާލަތުގައި ޠާހިރުކޮށް ހުރި އަންހެންމީހާ ވަރިކުރުމެވެ. އެވެސް އެއް ވަރިއެވެ. ދެން ޢިއްދަތް ހަމަވަންދެން އޭނާ ބެހެއްޓުމެވެ. އޭރުން، ދެބަސްވާން މެދުވެރިވި ސަބަބުތައް ނެތި ހިގައްޖެނަމަ. އޭނާ އަނބުރައި ގެންނާނެ މަގު އޮންނާނެއެވެ. ޢިއްދަތަކީ ތިން ޙައިޟުކަމުގައި ހެއްދެވީ ދެވޭ މުހުލަތާއި ގޮތެއް އިޚްތިޔާރުކުރަން ދެވޭ ވަގުތު އިތުރުކުރުމަށެވެ. ފަހެ، މާތް ﷲ ޝަރުޢުކުރައްވައި ހުއްދަ ކުރެއްވި "ސުންނަތާއި އެއްގޮތް ވަރި" އަކީ މިއީއެވެ.