064
يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ لَهُ ٱلْمُلْكُ وَلَهُ ٱلْحَمْدُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴿ ١
ތަރުޖަމާ
އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް اللَّه އަށް تسبيح ކިޔަތެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި حمد ހުރީވެސް އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (1)
ތަފްސީރު
އުޑުތަކާއި ބިމުގައި ވާހައި ތަކެއްޗެއް ރުހުމުގައްޔާއި ނުރުހުމުގައި، މެދު ނުކުކެނޑި ދެމިގެންދާ ގޮތުގައި މާތް ﷲއަށް ތަސްބީޙަ ކިޔައެވެ. އަދި އިސްވެދިޔަ މިސާލެއްނެތި ނެތުމުގެ ތެރޭން އުފެއްދެވީ އެކަލާނގެކަމުގައި ހެކިވެއެވެ. މުޟާރިޢުގެ ލަފުޒު ﴿يُسَبِّحُ﴾ ގެންނެވުމުން މެދުނުކެނޑި ދެމިގެންދާކަން ދޭހަވެއެވެ. ދެން މަތިވެރިކަމާ ފުރިހަމަކަމުގެ ސިފަފުޅުތަކުން އެކަލާނގެ ޒާތުފުޅު ސިފަކުރައްވަމުން އެކަލާނގެ ވަޙީކުރައްވަނީ ﴿لَهُ ٱلْمُلْكُ وَلَهُ ٱلْحَمْدُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ﴾ ފުރިހަމަ ވެރިކަން ލިބިގެންވަނީ އެކަލާނގެއަށެވެ. އަދި އިރާދަކުރައްވާ ގޮތަކަށް ޚަލްޤުތަކުންގެ ކަންކަންކުރެއްވުމުގެ ފުރިހަމަ ބާރުވެސް ލިބިގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ ޙުކުމް ރައްދުކުރެވޭނޭ މީހަކު ނުވެއެވެ. އެކަލާނގެއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. މާތް ﷲ އަންގަވާފައި މިވަނީ ކައުނުގައިވާ ހުރިހާ އެއްޗެއް އެކަލާނގެ އެއްކައުވަންތަކަމަށް ހެކިވެ، އެކަލާނގެއަށް ޙަމްދުކުރުމާއެކު ތަސްބީޙަ ކިޔައި، އެކަލާނގެ މަތިވެރިކުރާ ކަމުގައެވެ. އުޑުތަކާއި އެތަނުގައިވާ މަލާއިކަތުންނާއި، އިރާއި، ހަނދާއި، ތަރިތަކާއި، ފަލަކުތަކާއި، ބިމާއި އެތަނުގައި ވާހައި ފަރުބަދަތަކާއި، ކަނޑުތަކާއި، ކޯރުތަކާއި، ގަސްގަހާގެއްސާއި، ދޫނިތައް އެކަލާނގެއަށް ޙަމްދާއެކު ތަސްބީޙަކިޔައެވެ. އެތަކެތި ވަނީ އެކަލާނގެ ކީރިތިކަމާއި މަތިވެރިކަމަށް ބޯލަނބައި ކިޔަމަންވެގެންނެވެ. އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އެތަކެތީގެ ކަންތައް ރާއްވަވައި ހިންގަވައެވެ. ކޮންމެ އެއްޗެއްވެސް ތަސްބީޙަކިޔަނީ އެ އެއްޗަކާ ގުޅޭ ގޮތަށެވެ. އިންސާނާ ތަސްބީޙަކިޔަނީ ދުލުންނެވެ. ދިރުން ނެތް ތަކެތި ތަސްބީޙަކިޔަނީ އެތަކެތީގެ ޚާލިޤުވަންތަ، ވެރިރަސްކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުންނެވެ. އަހަރުމެންނަށް އެ ތަސްބީހަ ނޭނގުނުކަމުގައި ވިޔަސް މެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ﴾ (އަދި އެކަލާނގެއަށް ޙަމްދާއެކުގައި، ތަސްބީޙަ ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ ތަސްބީޙައެއް ނުވިސްނެއެވެ.) މަލަކޫތީ ޢާލަމް ތަސްބީޙަކިޔަނީ އޭގެ މަތިވެރިކަމުގައެވެ. ފަލަކުތައް އޭގެ ދައުރުވުމުގައެވެ. ކޯރުތައް އޭގެ ފެންގަނޑު ދެމޭ އަޑުގައެވެ. ދޫނިތައް އެސޮރުމެންގެ ލަވަޖެހުމުގައެވެ. ކަނޑުތައް އޭގެ ރާޅުޖެހުމުގައެވެ. ވައި އޭގެ ޖެހުމުގައެވެ. މުޅި ކައުނު، އޭގައިވާ ވާހަކަދައްކާ ތަކެއްޗާ، ދިރުންނެތް ތަކެއްޗާއެކު ބަސްބުނާ ދުލުން ނުވަތަ ޙާލުގެ ދުލުން މާތް ﷲއަށް ތަސްބީޙަ ކިޔައެވެ. ދެން މާތް ﷲ ވަޙީކުރައްވަނީ
ނޯޓް