إِذَا جَآءَكَ ٱلْمُنَـٰفِقُونَ قَالُوا۟ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ ۗ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَـٰفِقِينَ لَكَـٰذِبُونَ ﴿ ١ ﴾
ތަރުޖަމާ
ކަލޭގެފާނުގެ އަރިހަށް منافق ން އަތުވެއްޖެހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، اللَّه ގެ رسول އާކަމަށް ތިމަންމެން ހެކިވަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، އެކަލާނގެ رسول އާކަން اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، منافق ންނީ، ދޮގުވެރިންކަމަށް اللَّه ހެކިވެވޮޑިގެންވެއެވެ. (1)
ތަފްސީރު
ރަސޫލާ ﷺ އެވެ! މުނާފިޤުން (ޢަބްދުﷲ ބްނު އުބައްޔު ބްނު ސަލޫލް ފަދަ) ކަލޭގެފާނުގެ އަރިހަށް އައިސް، ކަލޭގެފާނުގެ މަޖިލީހަށް ހާޒިރުވާ ހިނދު، މުނާފިޤުކަމާއި ދެއްކުންތެރިކަމުގެ ގޮތުން އެބައިމީހުން ބުނެއެވެ. މުޙައްމަދު ﷺއެވެ! ހަމަކަށަވަރުން ކަލޭގެފާނީ މާތް ﷲގެ ރަސޫލާ ކަމުގައި އަހަރުމެން ހެކިވަމެވެ. އެބައިމީހުންގެ ދުލުން އެބައިމީހުން ބުނަނީ އެބައިމީހުންގެ ހިތުގައި އޮތް އެއްޗެއް ނޫނެވެ. ހަމަކަށަވަރުން މުނާފިޤުން ކަލޭގެފާނުގެ އަރިހުގައި ދައްކާ ވާހަކައިގައި އެބައިމީހުންނީ ދޮގުވެރިން ކަމުގައި މާތް ﷲ ހެކިވެވޮޑިގަންނަވައެވެ. ގަދަކުރުމަށް ބޭނުންކުރާ ދެ އަކުރު ކަމުގައިވާ "إنّ" އާއި "لَ" ބޭނުންކޮށްގެން އެބައިމީހުންގެ ވާހަކަ ގަދަކޮށް ﴿إِنَّكَ لَرَسُولُ ٱللَّـهِ﴾ އޭ ބުނީ އެބައިމީހުންގެ ހެކިބަހަކީ އެކަލޭގެފާނުގެ ރަސޫލުކަން ޔަޤީންކޮށް، ހިތުގެއަޑިން ތެދުވެރިކަމާއެކު ދިން ހެކިބަހެއްކަން ދެއްކުމަށްޓަކައެވެ. މާތް ﷲ ވަނީ އެބައިމީހުންގެ އެ ދަޢުވާ ދޮގުކުރައްވާފައެވެ. އިޢުތިރާޒީ ޖުމްލަ ﴿وَٱللَّـهُ يَعْلَمُ إِنَّكَ لَرَسُولُهُ﴾ އައީ ޝަރުޠާއި އޭގެ ޖަވާބާ ދެމެދަށެވެ. މާތް ﷲ ދޮގުކުރެއްވީ އެބައިމީހުން ހަމަކަށަވަރުން ކަލޭގެފާނީ މާތް ﷲގެ ރަސޫލާއޭ ބުނި ބުނުން ކަމަށް ހީވެދާނެތީއެވެ. އެކަލާނގެ ދޮގުކުރެއްވިކަން ކަށަވަރީ އެބައިމީހުން ވަންހަނާކުރާ އެއްޗަކާ ޚިލާފު ވާހަކަ ފާޅުކުރުމާއި، އެބައިމީހުން ހިތުގެ އަޑިން ޤަބޫލުކުރާ ގޮތާއި ޚިލާފަށް ދުލުން ބުނުމެވެ. މި އިޢުތިރާޒީ ޖުމްލަ ނުގެންނެވިނަމަ އަޑުއަހާ މީހާއަށް ހީވާނީ ރަސޫލުކަން ބާޠިލުކުރެއްވީ ކަމުގައެވެ. އާޔަތުގެ އަސްލު ގޮތަކީ މިއީއެވެ. "قَالُو نَشْهَدُ إِنَّكَ لَرَسُولُ اللهِ، وَاللهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ" (އެބައިމީހުން ބުނެއެވެ. ހަމަކަށަވަރުން ކަލޭގެފާނީ މާތް ﷲގެ ރަސޫލާ ކަމުގައި އަހަރުމެން ހެކިވަމުއެވެ. އަދި ހަމަކަށަވަރުން މުނާފިޤުންނީ ދޮގުވެރިން ކަމުގައި މާތް ﷲ ހެކިވެވޮޑިގަންނަވައެވެ.)