060
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ عَدُوِّى وَعَدُوَّكُمْ أَوْلِيَآءَ تُلْقُونَ إِلَيْهِم بِٱلْمَوَدَّةِ وَقَدْ كَفَرُوا۟ بِمَا جَآءَكُم مِّنَ ٱلْحَقِّ يُخْرِجُونَ ٱلرَّسُولَ وَإِيَّاكُمْ ۙ أَن تُؤْمِنُوا۟ بِٱللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَـٰدًا فِى سَبِيلِى وَٱبْتِغَآءَ مَرْضَاتِى ۚ تُسِرُّونَ إِلَيْهِم بِٱلْمَوَدَّةِ وَأَنَا۠ أَعْلَمُ بِمَآ أَخْفَيْتُمْ وَمَآ أَعْلَنتُمْ ۚ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ ﴿١﴾ ﴿ ١
ތަރުޖަމާ
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ޢަދުއްވުންނާއި، އަދި ތިޔަބައިމީހުންގެ ޢަދުއްވުންނަކީ، އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! ތިޔަބައިމީހުން، އެއުރެންނަށް ލޯތްބާއި، އެކުވެރިކަން ހުށަހަޅަމުއެވެ. އަދި ތިޔަބައިމީހުންގެ ގާތަށްއައި ޙައްޤު ދީނަށް އެއުރެންވަނީ ކާފިރުވެފައެވެ. ތިޔަބައިމީހުންގެ ވެރި اللَّه އަށް ތިޔަބައިމީހުން އީމާންވާ ކަމަށްޓަކައި، އެއުރެން ރަސޫލާއާއި، ތިޔަބައިމީހުން ރަށުން ބޭރުކޮށްލައެވެ. ތިމަންރަސްކަލާނގެ މަގުގައި ޖިހާދުކުރުމަށާއި، އަދި ތިމަންރަސްކަލާނގެ ރުއްސެވުން އަދައިގެން، ތިޔަބައިމީހުން ނުކުތް ކަމުގައިވާނަމަ (ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޢަދުއްވުންނަށް ރަޙްމަތްތެރިކަން ނުބަހައްޓާށެވެ!) ތިޔަބައިމީހުން އެއުރެންނަށް ލޯތްބާއެކު ސިއްރު ވާހަކަ ދައްކަމުއެވެ. ތިޔަބައިމީހުން ފޮރުވާކަންތަކާއި، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންކުރެ އެފަދަ ޢަމަލުކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ސީދާވެގެންވާ މަގު ގެއްލިއްޖެކަން ކަށަވަރެވެ. (1)
ތަފްސީރު
އީމާންކަމުގެ ސިފައިން އެބައިމީހުންނަށް ގޮވައިލެއްވީ އިޖާބަދީ ކިޔަމަންވުމަށް އެބައިމީހުންނަށް ހިތްވަރުދެއްވުމުގެ ގޮތުންނެވެ. މާނައީ: މުއުމިނުންނޭވެ! ތިމަންރަސްކަލާނގެއާއި ތިޔަބައިމީހުންގެ ޢަދާވާތްތެރިންކަމުގައިވާ ކާފަރުންނަކީ ތިޔަބައިމީހުން އެބައިމީހުންނާ އެކުވެރިވެ، އެ އެކުވެރިކަމުގެ ސަބަބުން ތިޔަބައިމީހުންގެ ސިއްރުތައް އެބައިމީހުންނަށް ހާމަކުރާ އެކުވެރިންކަމުގައްޔާއި، ރަޙްމަތްތެރިން އަދި އެހީތެރިންކަމުގައި ނުހިފާށެވެ. އެބައިމީހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ބާވައިލެއްވުނު ފޮތް ދޮގުކޮށް، ތިޔަބައިމީހުންގެ ރަސޫލާ ﷺ ގެ ރަސޫލުކަން ޤަބޫލުކުރުމަށް ދެކޮޅުހަދާފައި ވާތީއެވެ. އަދި ރަސޫލުﷲ ﷺ ރަށުން ބޭރުކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އީމާންވުން ފިޔަވައި ތިޔަބައިމީހުން ކުރި ކުށެއް ނެތީސް، ތިޔަބައިމީހުންގެ ވަޒަނުން ތިޔަބައިމީހުން ބޭރުކޮށްފައިވާތީއެވެ. ފަހެ، ތިޔަބައިމީހުންގެ ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްލުމުގެ ބޮޑު ޖަރީމާއަށް ފަހު، އެކުވެރިކަމާއި، ގާތްކަން ބާއްވަންޖެހޭ ސަބަބެއް އެބައޮތް ހެއްޔެވެ؟ ﴿إِن كُنتُمْ خَرَجْتُمْ جِهَـٰدًا فِى سَبِيلِى وَٱبْتِغَآءَ مَرْضَاتِى﴾ މިއީ އޭގެ ޖަވާބު އުނިކުރެވިފައިވާ ޝަރުޠެކެވެ. އެ ފުރިހަމަ ވާނީ މިގޮތަށެވެ. ތިޔަބައިމީހުންގެ ވަޒަނުން ތިޔަބައިމީހުން ނުކުތީ މާތް ﷲ ގެ ރުއްސެވުން އަދައިގެން އެކަލާނގެ މަގުގައި ޖިހާދުކުރުމަށްކަމުގައި ވަނީނަމަ، ތިޔަބައިމީހުންގެ އެކުވެރިންކަމުގައި އެބައިމީހުން ނަހަދާށެވެ. ކުރުގޮތަކަށް ބުނެވޭނީ މިހެންނެވެ. ތިޔަބައިމީހުންނީ ތިމަންރަސްކަލާނގެ ވަލިއްޔުންކަމުގައި ވަނީނަމަ، އެބައިމީހުންނީ ތިޔަބައިމީހުންގެ އެކުވެރިންކަމުގައި ނަހަދާށެވެ. ވަންހަނާ ގޮތުގައި ސިއްރުން ތިޔަބައިމީހުން އެބައިމީހުންނަށް ނަސޭހަތްދެމުއެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ސިއްރުކުރާ ކަންތައް ދެނެވޮޑިގެންވަމެވެ. ވީއިރު، ސިއްރުކޮށް ވަންހަނާކުރުމުގެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ މިބަސްފުޅުގައި ވަނީ ޢިތާބެވެ. ޢިތާބާއެކު އަންނަނީ އިންޒާރެވެ. އެހެންކަމުން ދެން ވަޙީކުރައްވަނީ ﴿وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ﴾ މާތް ﷲ ގެ ޢަދުއްވުންނަކީ އެކުވެރިންނަށް ހަދައި އެބައިމީހުންދެކެ ލޯބިވާ މީހާ ދަންނާށެވެ. ފަހެ، އޭނާއަށް ވަނީ އީމާންކަމާއި ސުވަރުގޭގެ މަގު އޮޅިފައެވެ.
ނޯޓް