005
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَوْفُوا۟ بِٱلْعُقُودِ ۚ أُحِلَّتْ لَكُم بَهِيمَةُ ٱلْأَنْعَـٰمِ إِلَّا مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّى ٱلصَّيْدِ وَأَنتُمْ حُرُمٌ ۗ إِنَّ ٱللَّهَ يَحْكُمُ مَا يُرِيدُ ﴿١﴾ ﴿ ١
ތަރުޖަމާ
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ޢަޤުދުތައް ފުއްދާށެވެ! އަދި، ތިޔަބައިމީހުންނަށް (އެތަކެއްޗާމެދު ޙުކުމް އޮތްގޮތް ޤުރްއާނުން) ބަޔާންކޮށްދެއްވާ ތަކެތި މެނުވީ، ނަޢަމް ސޫފިތައް، ތިޔަބައިމީހުންނަށް ޙަލާލުކުރައްވާފައިވެއެވެ. ތިޔަބައިމީހުން އިޙްރާމް ބަނދެގެންތިބެ، ޝިކާރަކުރުން ހުއްދަ ނުކުރާގޮތުގައެވެ. ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާގޮތަށް ޙުކުމްކުރައްވަތެވެ. (1)
ތަފްސީރު
އީމާންކަމަށް ނިސްބަތްކުރައްވައި މުޚާޠަބުކުރައްވާފައި އެވަނީ ޝަރަފުދެއްވައި، މާތްކުރެއްވުމުގެ ގޮތުންނެވެ. މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މާތް ﷲއާއި އެކަލާނގެ ރަސޫލާ ﷺ ތެދުކޮށްގެން ތިބި މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް އީމާންވެ ކިޔަމަންގަތުމަށް ތިޔަބައިމީހުން ވެފައިވާ ޢަހުދުތައް ފުއްދާށެވެ. އަދި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ކައިވެންޏާއި، ވިޔަފާރިއާއި، އެފަދަ އެހެން މުޢާމަލާތްތަކުގެ އަޤުދުތައް ވެސް ފުއްދާށެވެ. މުޅަތަކެއްޗާއި ލެޔާއި، އޫރު މަހާއި، އަދި ފަހުން ބަޔާންކުރެވޭ ތަކެތި ފަދަ މާތް ﷲ މިސޫރަތުގައި ޙަރާމްކުރައްވާފައިވާ ތަކެތި ފިޔަވައި، ނަޢަމް ސޫފި (ޖަމަލު، ގެރި، ކަންބަޅި ބަކަރި، ބަކަރި) ދީނުގައި އަންގަވާފައިވާ ގޮތަށް ކަތިލުމަށް ފަހު، އޭގެ މަސްކެއުން ތިޔަބައިމީހުންނަށް ޙަލާލު ކުރައްވާފައި ވެއެވެ. ތިޔަބައިމީހުން އިޙްރާމް ބަނދެގެން ތިބޭ ޙާލު އެއްގަމު ޖަނަވާރު ޝިކާރަ ނުކުރާ ގޮތަށެވެ. އެހެނީ، އަޅުކަމެއްގެ ތެރޭގައި ތިބޭ އިރު ޖަނަވާރާއި ދޫނި ފަދަ ހުރިހާ އެއްޗަކަށް ވެސް ތިޔަބައިމީހުންގެ ފަރާތުން އަމާންކަން އޮންނަން ވާނެއެވެ. ޢިއްޒަތްތެރިކަމާއި، މަތިވެރިވަންތަކަމުގެ ވެރި ﷲ އެކަލާނގެ ޚަލްޤުތަކުންގެ މެދުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަށް ޙުކުމް ކުރައްވައެވެ. އެކަލާނގެއީ އެކަލާނގެ އަމުރުތަކާއި ނަހީތަކުގައި ޙިކްމަތްވަންތަ ރަސްކަލާނގެ ކަމުގައި ވާތީއެވެ.
ނޯޓް