هُوَ ٱللَّهُ ٱلْخَـٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴿٢٤﴾ ﴿ ٢٤ ﴾
ތަރުޖަމާ
އެކަލާނގެއީ، اللَّه އެވެ. ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ރަސްކަލާނގެއެވެ. ސޫރަކުރައްވާ ރަސްކަލާނގެއެވެ. އެންމެހާ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެއަށް ތަސްބީޙަ ދަންނަވަތެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ. (24)
ތަފްސީރު
﴿هُوَ ٱللَّـهُ﴾ އެކަލާނގެއީ ﷲ އެވެ. ﴿ٱلْخَـٰلِقُ﴾ ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. ކައުނުގައިވާހައި ތަކެތި އުފައްދަވާ ރަސްކަލާނގެއެވެ. ﴿ٱلْبَارِئُ﴾ ނެތުމުގެ ތެރެއިން އެންމެ ފުރިހަމައަށް އަދި އެންމެ ރިވެތި ގޮތުގައި ތަކެތި އުފައްދަވާ ރަސްކަލާނގެއެވެ. ކަންކުރާ އެންމެންނަކީ އެންމެ ފުރިހަމަ ގޮތުގައި ކަންކުރާ ބައެއް ނޫނެވެ. ޢިއްޒަތްތެރިކަމާއި މަތިވެރިވަންތަކަމުގެ ވެރި ﷲ މެނުވީއެވެ. ﴿ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ﴾ (އެކަލާނގެއީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، ޠަބީޢަތް ދެއްވައި، ދެން ތެދުމަގު ދެއްކެވި ރަސްކަލާނގެއެވެ.) މާނައީ އޭނާގެ މަޞްލަޙަތާއި ފައިދާއަށް އޭނާއަށް މަގުދެއްކެވިއެވެ. ﴿ٱلْمُصَوِّرُ﴾ އިސްވެދިޔަ މިސާލެއްނެތި ތަފާތު ސިފައަށާއި, ބައްޓަމަށް ޚަލްޤުތަކުން އުފެއްދެވި ރަސްކަލާނގެއެވެ. ﴿يُصَوِّرُكُمْ فِى ٱلْأَرْحَامِ كَيْفَ يَشَآءُ﴾ (އެކަލާނގެ އިރާދަކުރައްވާފަދަޔަކުން ރަޙިމްތަކުގައި ތިޔަބައިމީހުން ސޫރަކުރައްވައެވެ.) އެކަކު އަނެކަކާ ސިފައިގައި އެއްގޮތް އެއްވެސް އިންސާނެއް ނުވެއެވެ. އެންމެ ރިވެތި، އެންމެ ފުރިހަމަ، އެންމެ ޝަރަފުވެރި އިސްމުފުޅުތައް ވަނީ އެކަލާނގެއަށެވެ. ކައުނުގައިވާ ހުރިހާ އެއްޗެއް އެކަލާނގެއަށް ތަސްބީޙަކިޔައެވެ. އެކަލާނގެއީ އެކަލާނގެ ވެރިކަމުގައި ޢަޒީޒުވަންތަ، ކުރައްވާ ކޮންމެ ކަމެއްގައި ޙިކުމަތްވަންތަ ރަސްކަލާނގެއެވެ. މާތް ﷲ މިސޫރަތް ފެށްޓެވީ ތަސްބީޙައިންނެވެ. ނިންމަވާލެއްވީ ތަސްބީޙައިންނެވެ. އެކަލާނގެ މަތިވެރިކަން މީސްތަކުންނަށް އަންގަަވައި، ހެނދުނާއި ހަވީރު އެކަލާނގެއަށް ތަސްބީޙަކިޔާން އުނގަންނައިދެއްވުމަށެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿فَسُبْحَـٰنَ ٱللَّهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ ﴾ (ފަހެ، ތިޔަބައިމީހުން ރޭގަނޑުގެ ތެރެޔަށް ވަންނަހިނދުގައްޔާއި، ފަތިހުގެ ތެރެޔަށް ތިޔަބައިމީހުން ވަންނަހިނދު، اللَّه އަށް ތަސްބީޙަކިޔައި ނަމާދުކުރާށެވެ!)