ތަފްސީރު
މި ސޫރަތް ފައްޓަވާފައިވަނީ ވަނީ އެކަލާނގެ މަތިވެރި އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅަކުންނެވެ. އެއީ ﴿ٱلرَّحْمَـٰنُ﴾ އެވެ. ހެއްދެވުމާއި، ބޮޑުކުރެއްވުމާއި، ވާހަކަދެއްކުމާއި، އުނގެނުމުގެ ނިޢުމަތްތަކަކީ އެ މަތިވެރި އިސްމާއި ގުޅިފައިވާ ނިޢުމަތްތައް ކަން ހާމަކުރެއްވުމަށެވެ. ފަހެ، އުނގަންނައިދެއްވުމާއި، އެބައިމީހުންނަށް ތެދުމަގު ދެއްކެވުމާއި، ނޫރާއި ހިދާޔަތުގެ ގޮތުގައި ޤުރްއާން ބާވައިލެއްވުމީ އަޅުތަކުންނަށް އެކަލާނގެ ދެއްވާ ނިޢުމަތްތަކެވެ. މުޝްރިކުންނަށް ﴿ٱلرَّحْمَـٰنُ﴾ މި ލަފުޒު އަޑުއިވޭ ހިނދު އެއަށް އިންކާރު ކުރާކަމުގައި ވިއެވެ. އަދި އެބައިމީހުން ބުނާކަމުގައިވިއެވެ. ﴿ٱلرَّحْمَـٰنُ﴾ އަކީ ކޮން އެއްޗެއް ހެއްޔެވެ؟ އެބައިމީހުންނާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَإِذَا قِيلَ لَهُمُ ٱسْجُدُوا۟ لِلرَّحْمَـٰنِ قَالُوا۟ وَمَا ٱلرَّحْمَـٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا ۩﴾ (އަދި ރަޙްމާންވަންތަ ރަސްކަލާނގެއަށް ތިޔަބައިމީހުން ސަޖިދަކުރާށޭ އެއުރެންނަށް ވިދާޅުވިހިނދު، އެއުރެން ބުނޫއެވެ. ރަޙްމާންވަންތަ ރަސްކަލާނގެއަކީ ކޮންއެއްޗެއްހޭ؟ ކަލޭގެފާނު ތިމަންމެންނަށް އަމުރުކުރައްވާ އެއްޗަކަށް ތިމަންމެން ސަޖިދަކުރާނެހެއްޔެވެ؟ އަދި އެއުރެންގެ ނަފުރަތުދިޔައީ އިތުރުވެގެންނެވެ.) އެބައިމީހުންގެ އެމޮޔަކަމާއި ޖާހިލުކަމަށް ރައްދުދެއްވަމުން އެކަލާނގެ ވަޙީކުރައްވަނީ: އެބައިމީހުން ޤަބޫލުކުރުމަށް ދެކޮޅު ހަދާ ﴿ٱلرَّحْمَـٰنُ﴾ އަކީ ޤުރްއާން އުގަންނަވައިދެއްވި، ނެތުމުގެ ތެރޭން އެބައިމީހުން ވުޖޫދަށް ގެންނަވައި އެބައިމީހުން ޚަލްޤުކުރެއްވި، އަދި އެހެން ޙައިވާނުންނާއި ޚިލާފަށް އެބައިމީހުންނަށް ދުލުން ވާހަކަދެއްކޭ ގޮތް ހެއްދެވި ރަސްކަލާނގެއެވެ. އިންސާނާ ޤުރްއާން އުނގެނެން ފަށަނީ އޭނާ ޚަލްޤުކުރެއްވުމަށް ފަހުގައި ކަމަށް ވިޔަސް، އިންސާނާ ޚަލްޤުކުރެއްވުމުގެ ވާހަކައިގެ ކުރިއަށް އޭނާއަށް ޤުރްއާން އުނގަންނައި ދެއްވި ވާހަކަ ގެންނެވީ، ޤުރްއާން އުނގެނުމުގެ ނިޢުމަތުގެ މަތިވެރިކަން ބަޔާންކުރައްވައި، އެއީ ޚަލްޤުކުރެއްވުމަށް ވުރެ މަތީ ދަރަޖައިގެ ނިޢުމަތެއްކަން އެންގެވުމަށެވެ. މާތް ﷲގެ ވަޙީބަސްފުޅު ﴿عَلَّمَهُ ٱلْبَيَانَ﴾ ގެ މާނައަކީ ބަސްމޮށުންތެރިކަން އުނގަންނައިދެއްވުމެވެ. ފަހެ، ބަސް މޮށެއުޅެނީ އިންސާނުން އެކަންޏެވެ. އެހެން ޖަނަވާރުތަކަށް އަޑުތަކެއް ވިޔަސް އެއަށް ބަސްމޮށުންތެރިކަން ލިބިފައި ނެތެވެ. އެތަކެއްޗަށް بهائم އޭ ކިޔެނީ އެހެންވެގެންނެވެ. އެތަކެއްޗަށް ވާހަކަދައްކައި ހިތުގައިވާ، އަދި ބުނަން އުޅޭ އެއްޗެއް ބުނެ ނުދެވޭތީއެވެ. މިއީ ކުޅަދުންވަންތަކަމުގެ ޙައިރާންކުރަނިވި ސިއްރުތަކުގެ ތެރެއިން ސިއްރެކެވެ. ފަހެ، މިސާލަކަށް ގެރިއަށް އިންސާނާގެ ދުލަށްވުރެ ދިގު ދުލެއް ލިބިގެން ވެއެވެ. އެހެނެއްކަމަކު އެސޮރަށް ވާހަކަ ނުދެއްކެއެވެ. ވާހަކަ ދައްކަނީ ދޫކަމުގައި ވީނަމަ މަންމަން މީހާވެސް ވާހަކަ ދެއްކީހެވެ. އެހެނަސް އެއީ އިލާހީ ކުޅަދުންވަންތަކަމުގެ ސިއްރެވެ. ފަހެ، އިންސާނާއަށް މަސްކޮޅަކުން ވާހަކަދައްކައި، ސަރުބި ކޮޅަކުން ބަލައި، ކަށިކޮޅަކުން އަޑުއެހުމުގެ ކުޅަދާނަކަން ދެއްވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ. ދެން އެކަލާނގެ ވަޙީކުރައްވަނީ