052
وَٱلطُّورِ ﴿١﴾ ﴿ ١
ތަރުޖަމާ
ޠޫރު ފަރުބަދައާއި، (1) ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި، (2-3) البيت المـعمور އާއި (އެބަހީ: އުޑުގައި މަލާއިކަތުން އަޅުކަން ކުރައްވާ ތަނާއި) (4) އުފުލިގެންވާ އުޑާއި، (5) ފުރިގެންވާ ކަނޑާއި (މިހުރިހާ ތަކެތި) ގަންދެއްވައި ވަޙީކުރައްވަމެވެ. (6) ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢަޛާބަކީ، އަންނާނެ އެއްޗެއްކަން ކަށަވަރެވެ. (7) އެ ޢަޛާބު (އެއުރެންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެތެވެ. (8)
ތަފްސީރު
ޠޫރު ފަރުބަދައާއި، ތުނި ހަމުގައި ލިޔެފައިވާ ކީރިތި ޤުރްއާން ގަންދެއްވައި ވަޙީކުރައްވަމެވެ. އަދި ހެޔޮލަފާ މަލާއިކަތުން ޠަވާފުކުރައްވާ އަލްބައިތުލް މަޢުމޫރާއި، އުސްކޮށް އުފުއްލަވާފައިވާ އުޑާއި، ޤިޔާމަތް ދުވަހު އަލިފާން ރޯވާނެ ކަނޑު ގަންދެއްވައި ވަޙީކުރައްވަމެވެ. ބައެއްތަކެތި އިންސާނުންގެ ލޮލަށް ފެންނަ، އަނެއްބައި ތަކެތި އެބައިމީހުންނަށް ނޭނގި ޣައިބުގެ ގޮތުގައިވާ މިތަކެތި ގަންދެއްވައި އެހުވަޔަކަށް ހިތްތައް ބިރުން ތުރުތުރުއަޅާވަރުގެ ގަދަ ހުވައެއް މާތް ﷲ ވަޙީކުރެއްވީ އެއްވެސް ޝައްކެއްނެތި އެކަލާނގެ ޢަޛާބު ކާފަރުންނަށް އަންނާނެކަމަށެވެ. އެހެންކަމުން އެކަލާނގެ ދެން ވަޙީކުރައްވަނީ ﴿إِنَّ عَذَابَ رَبِّكَ لَوَٰقِعٌ * مَّا لَهُۥ مِن دَافِعٍ﴾ އެބަހީ މާތް ﷲ ގެ ޢަޛާބު ކާފަރުންނަށް އަންނާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަދި އެ ޢަޛާބު އެބައިމީހުންގެ ފަރާތުން ދުރުކުރާނޭ އެއްވެސް ފަރާތެއް ނުވެއެވެ. މާތް ﷲ ވަޙީކުރެއްވި ފަސް ހުވަޔަށް ބަލާއިރު: ފުރަތަމަ ހުވައި ކުރެއްވީ އެތަނެއްގައި އެއްވެސް މެދުވެރިއަކު ނެތި މާތް ﷲ މޫސާ عليه السلام އަށް ބަސްވަޙީކުރެއްވި ޠޫރުފަރުބަދަ ގަންދެއްވައެވެ. އެއީ މާތް ﷲ ގެ ނޫރު ތަޖައްލީވެފައިވާ ތަނެކެވެ. އެހެންކަމުން، އެތަނުގެ ޝަރަފާއި، ދަރަޖައާއި، މުޤައްދަސްކަމަށްޓަކައި އެތަން ގަންދެއްވުން ހައްޤުވީއެވެ. ދެވަނައަށް ހުވައިކުރެއްވީ ކީރިތި ޤުރްއާން ގަންދެއްވައެވެ. އެއީ އެންމެ ފަހުގެ ނަބިއްޔާ ﷺ ގެ މައްޗަށް ބާވައިލެއްވި ފޮތެވެ. އެއީ އެންމެ ޝަރަފުވެރި އެންމެ މާތް ފޮތެވެ. ހުރިހާ ސަމާވީ ފޮތްތަކާއި، ރިސާލަތެއްގެ ފުރިހަމަކަން އެފޮތުގައި ހިމެނިފައިވާތީއެވެ. ތިންވަނައަށް ހުވައި ކުރެއްވީ އަލްބައިތުލްމަޢުމޫރު ގަންދެއްވައެވެ. އެއީ މުއުމިނުންނަށް ކަޢުބަތުﷲ ގެފުޅު ހުންނަ ފަދައިން މަލާއިކަތުންނަށް ހުންނަ ތަނެވެ. في حديث الإسراء عَنْ مَالِكِ بْنِ صَعْصَعَةَ، - رَجُلٌ مِنْ قَوْمِهِ - قَالَ قَالَ نَبِيُّ اللَّهِ صلى الله عليه وسلم ‏"‏ ............. ثُمَّ رُفِعَ لِيَ الْبَيْتُ الْمَعْمُورُ فَقُلْتُ يَا جِبْرِيلُ مَا هَذَا قَالَ هَذَا الْبَيْتُ الْمَعْمُورُ يَدْخُلُهُ كُلَّ يَوْمٍ سَبْعُونَ أَلْفَ مَلَكٍ إِذَا خَرَجُوا مِنْهُ لَمْ يَعُودُوا فِيهِ آخِرُ مَا عَلَيْهِمْ." ‏(صحيح مسلم، كتاب الإيمان، باب الإِسْرَاءِ بِرَسُولِ اللَّهِ صلى الله عليه وسلم إِلَى السَّمَوَاتِ وَفَرْضِ الصَّلَوَاتِ‏) (އިސްރާގެ ޙަދީޘުގައި މާލިކު ބްނު ޞަޢުޞަޢާގެ އަރިހުން އައިސްފައި ވެއެވެ. ނަބިއްޔާ ﷺ ޙަދީޘުކުރެއްވިއެވެ. ”........ދެން ތިމަންކަލޭގެފާނާ ހަމައަށް އަލްބައިތުލްމަޢުމޫރު އުފުއްލެވުނެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. ޖިބްރީލުއެވެ. މިއީ ކޮންތަނެއް ތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އަލްބައިތުލްމަޢުމޫރެވެ. ކޮންމެ ދެވަހަކު އެތަނަށް ހަތްދިހަހާސް މަލާއިކަތުން ވަދެއެވެ. ދެން އެތަނުން ނުކުންނަ މަލާއިކަތުން އެތަނަށް އެނބުރި ނާދެއެވެ. އެންމެ ފަހު މަލާއިކަތާއާ ޖެހެންދެނެވެ.) (ޞަޙީޙު މުސްލިމް: 164) ހަތަރުވަނައަށް ހުވައިކުރެއްވީ 'އުފުލިފައިވާ ފުރާޅު' ގަންދެއްވައެވެ. އެއީ ބަދަހިކަމާއެކު ގަދަފަދައަށް އުފުއްލަވާފައިވާ، މާތް ﷲ ގެ ކުޅަދުންވަންތަކަމާއެކު އެއްވެސް ތަނބެއް ނެތި ހިފަހައްޓަވާފައިވާ އުޑެވެ. ފަސްވަނައަށް ހުވައިކުރެއްވީ ޤިޔާމަތް ދުވަހު އަލިފާން ރޯކުރައްވާނޭ ކަނޑުތައް ގަންދެއްވައެވެ. އެއީ ދުނިޔޭގެ ކަނޑުތަކެވެ. މާތް ﷲ ގެ މި ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. ﴿وَإِذَا ٱلْبِحَارُ سُجِّرَتْ﴾ (އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.) ޤިޔާމަތް ދުވަހު ކަނޑުތަކުގައި ރޯކުރެވި ގަދައަށް އަނދާ ހާލު އެކަނޑުތައް މަޙްޝަރުގައި ތިބޭ މީހުން ވަށައިލާނެއެވެ. މި ފަސް ކަން ގަންދެއްވައި މާތް ﷲ ހުވައި ވަޙީކުރެއްވީ މުޝްރިކުންނަށް ޢަޛާބުދެއްވުމަކީ ޙަޤީޤަތަކަށްވުން ލާޒިމުކަމެއް ކަމުގައެވެ. عَنْ مُحَمَّدِ بْنِ جُبَيْرِ بْنِ مُطْعِمٍ، عَنْ أَبِيهِ ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقْرَأُ فِي الْمَغْرِبِ بِالطُّورِ فَلَمَّا بَلَغَ هَذِهِ الآيَةَ ﴿أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَـٰلِقُونَ * أَمْ خَلَقُوا۟ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ *أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ﴾ كَادَ قَلْبِي أَنْ يَطِيرَ‏. (صحيح البخاري، كتاب التفسير، باب: 1) (މުޙައްމަދު ބްނު ޖުބައިރު ބްނު މުޠުޢިމް އޭނާގެ ބައްޕާފުޅުގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. ނަބިއްޔާ ﷺ މަޣުރިބު ނަމާދުގައި އައްޠޫރު ސޫރަތް ކިޔަވައިވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. ދެން އެކަލޭގެފާނު ﴿أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَـٰلِقُونَ * أَمْ خَلَقُوا۟ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ *أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ﴾ މިއާޔަތްތައް ކިޔަވައިވިދާޅުވުމުން އަހަރެންގެ ހިތް އުދުހިގެން ނުދިޔައީ ކިރިޔާއެވެ.) (ޞަޙީޙުލްބުޚާރީ، ޙަދީޘު: 4854)
ނޯޓް