050
قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ ﴿١﴾ ﴿ ١
ތަރުޖަމާ
ق (މި އަކުރުގެ މުރާދު ދެނެވޮޑިގެންވަނީ اللَّه އެވެ.) މާތްވެގެންވާ ޤުރްއާން ގަންދެއްވައި ވަޙީކުރައްވަމެވެ. (ހަމަކަށަވަރުން، އިންޒާރުކުރައްވާ ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ މުޙައްމަދުގެފާނު ފޮނުއްވީމެވެ.) (1)
ތަފްސީރު
މުޝްރިކުން ދުށީ މަރުވުމަށްފަހު އެހެން ޙަޔާތެއް ވުމަކީ ދުރުކަމެއް ކަމުގައެވެ. އަދި އެކަމާމެދު އެބައިމީހުން ނިހާޔަތަށް އަޖާއިބުވިއެވެ. އަދި، ކިއެއްތަ، އެކަން ވެދާނެކަމާމެދު އެބައިމީހުން ޝައްކުކުރިއެވެ. އަދި އެބައިމީހުން ބެލީ އެއީ މުސްތަޙީލު ކަމެއް ކަމުގައެވެ. އެހެނީ، އިންސާނާގެ ހަށިގަނޑު ހަލާކުވެ، ބައިތައް ވަކިވެ، ވެއްޔާ އެކުވެފައިވާ ކުނޑިތަކަކަށް ވުމަށްފަހު އޭނާ އަލުން ދިރޭނީ ކިހިނަކުން ހެއްޔެވެ؟ އެހެންކަމުން، ހުރިހާ ފޮތެއްގެ މައްޗަށް ޝަރަފުވެރިކުރައްވާފައިވާ، މާތްވެގެންވާ ޤުރްއާން ގަންދެއްވައި މާތް ﷲ ހުވައި ވަޙީކުރެއްވިއެވެ. އެކަލާނގެ ހުވައި ވަޙީކުރެއްވީ މަރުވުމަށްފަހު އަލުން ދިރުއްވާނޭކަމުގެ މައްޗަށެވެ. އެ ހުވައިގެ ޖަވާބު ވަނީ އުނިކުރެވިފައެވެ. އެބަޔާއެކު ފުރިހަމަވާނީ މިފަދަ ގޮތަކަށެވެ. މާތް ވެގެންވާ ޤުރްއާން ގަންދެއްވައި ވަޙީކުރައްވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ދިރުއްވާނޭ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެބައިމީހުން އަޖާއިބުވީ ރަސޫލެއްގެ ގޮތުގައި އިންސާނަކު ވަޑައިގަތުމާ މެދުގައެވެ. އެބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ ހިލަތަކަކަށް ވުމާމެދު އެބައިމީހުން އަޖާއިބުނުވެއެވެ.
ނޯޓް