يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَآءً ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِى تَسَآءَلُونَ بِهِۦ وَٱلْأَرْحَامَ ۚ إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا ﴿ ١ ﴾
ތަރުޖަމާ
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ. (1)
ތަފްސީރު
ހުރިހާ އިންސާނުންނަށް އައިސްފައިވާ ޚިޠާބެކެވެ. ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވައި ޚަލްޤުކުރެއްވުމުގެ ނިޢުމަތް އެބައިމީހުންނަށް ހަނދުމަކޮށްދެއްވުމަށެވެ. މާނައީ: ތިޔަބައިމީހުން އެއް އަޞްލަކުން (އެ އަޞްލަކީ އާދަމު عليه السلام) އުފައްދަވައި، އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނު އެކަލޭގެފާނުގެ އަރިކަށީގެ ކައްޓަކުން (ކަށްޓަކުން) ހެއްދެވި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ. މި އާޔަތުގައި އެވަނީ ކީރިތި ﷲއީ ދިރޭ އެއްޗަކުން ދިރޭ އެއްޗެއް އުފެއްދެވިފަދައިން، ދިރުން ނެތް އެއްޗަކުން ދިރޭ އެއްޗެއް އުފައްދަވާންވެސް ކުޅަދުންވަންތަ ރަސްކަލާނގެ ކަމަށް އިޝާރާތްކުރައްވައިފައެވެ. އެހެނީ، އެކަލާނގެ އާދަމު عليه السلام އުފެއްދެވީ މަށީންނެވެ. ﴿وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَآءً ۚ﴾ އަދި އެދެކަނބަލުންގެ ފަރާތުން އަންހެން ފިރިހެން ގިނަ މީސްތަކުން ފެތުރުއްވެވިއެވެ. ފަހެ، ހުރިހާ އިންސާނުން ވަނީ މި އިންސާނީ ގުޅުމުން، ނަސަބުގެ "އެއްބަނޑު އެއްބަފާކަމުގެ ގުޅުމުން" ގުޅިފައެވެ. އިންސާނުންނަށް މިމަތިވެރި ގުޅުމުގެ މާނަ ވިސްނޭނަމަ އެބައިމީހުން އުޅުނީހީ އަމާންކަމާއި އުފާވެރިކަމުގައެވެ. އަދި ފެހި ދަނޑުތަކާއި، ހަނަފަސް ބިންތައް އަދި މުސްކުޅިންނާއި ކުޑަކުދީން އޭގެ ޝިކާރައަކަށްވެ ނެތިގެންދާ ފަނާކުރަނިވި ހަނގުރާމަތައް ނުހިނގީހެވެ. ﴿وَٱتَّقُوا۟ ٱللَّهَ ٱلَّذِى تَسَآءَلُونَ بِهِۦ وَٱلْأَرْحَامَ ۚ إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا﴾ އަދި ތިޔަބައިމީހުން އެފަރާތެއްގެ އިސްމުފުޅު ބޭނުންކޮށް އެކަކު އަނެކަކަށް އާދޭސްކުރާ، (ﷲއަށް ޓަކައި އެވެނި ކަމެއް ކޮށްދޭށޭ، މިވެނިކަމެއް ކޮށްދޭށޭ ބުނާ) ﷲއަށް ބިރުވެތިވެ، ރަޙިމުގެ ގުޅުން ކަނޑައިލުމަށް ބިރުވެތިވާށެވެ. ފަހެ، މާތް ﷲއީ ތިޔަބައިމީހުންގެ ޙާލާއި، ތިޔަބައިމީހުން ކުރާ ހުރިހާ ޢަމަލެއް މޮޅަށް ބައްލަވައިވޮޑިގަންނަވާ ރަސްކަލާނގެއެވެ.