يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ ﴿ ١ ﴾
ތަފްސީރު
ރަސޫލުﷲ ﷺ ގެ މަތިވެރި މަޤާމަށްޓަކައި އެކަލޭފާނުގެ އަރިހުގައި މަތީ ދަރަޖައިގެ އަދަބުވެރިކަމާއެކު ތިބުމަށް މުއުމިނުންނަށް ދެއްވާފައިވާ އިރުޝާދެކެވެ. މާތް ﷲ އެބައިމީހުންނާ އީމާންކަމުގެ ސިފައިން މުޚާޠަބުކުރެއްވީ، އެބައިމީހުން އަނދިރިކަމުގެ ތެރެއިން އަލިކަމަށް ނެރުއްވުމަށް މާތް ﷲ ފޮނުއްވި އެންމެ މާތް ރަސޫލާ ﷺ ގެ ކުރިފުޅުމަތީގައި އަދަބުވެރިވުމުގައި، ރިވެތި އަޚްލާޤުގެ މަތިވެރި ސިފައިގައި ހިފެހެއްޓުމަށް އެބައިމީހުންނަށް އިރުޝާދުދެއްވުމާއެކު، އެބައިމީހުން އެކަމަށް ޙަރަކާތްތެރިކުރެއްވުމަށެވެ. މާނައީ: އޭ އީމާންކަމުން މާތް ﷲ އެބަޔަކު މާތްކުރައްވާފައިވާ، ރަޙްމާނުވަންތަ ރަސްކަލާނގެ ކަލާމްފުޅު ތެދުކޮށްގެން ތިބި މީހުންނޭވެ. މާތް ﷲއާއި އެކަލާނގެ ރަސޫލާ ﷺ ގޮތެއް ކަނޑައެޅުއްވުގެ ކުރިން ތިޔަބައިމީހުން އެއްވެސް ކަމެއްގައި އިސްވެނުގަންނާށެވެ. އަދި އަމިއްލައަށް ފެންނަ ގޮތް ބުނެ، ގޮތެއް ކަނޑަނައަޅާށެވެ. ހަމަ އެފަދައިން އެކަލޭގެފާނު އިންނެވި މަޖިލީހެއްގައި ސުވާލެއް ހުށަހެޅިއްޖެނަމަ ތިޔަބައިމީހުން އެކަލޭގެފާނަށްވުރެ ކުރިން ޖަވާބުދީގެން ނުވާނެއެވެ. އަދި އެކަލޭގެފާނު ހިންގަވާފައި ވަޑައިގަންނަވާއިރު، އެކަލޭގެފާނަށްވުރެ ކުރި އަރައި ގޮސްގެން ނުވާނެއެވެ. އަދި އެކަލޭގެފާނާއެކު ކެއުމަކަށް ހާޒިރުވެ ތިބޭ ހިނދު އެކަލޭގެފާނަށްވުރެ ކުރިން ކާން ފަށައިގެން ނުވާނެއެވެ. ހުރިހާ ކަމެއްގައިވެސް އެފަދައިންނެވެ. އެއީ އެކަލޭގެފާނުގެ މަތިވެރި މަޤާމަށްޓަކައި އެކަލޭގެފާނަށް މާތްކޮށް ހިތުމުގެ ގޮތުންނެވެ. މި އާޔަތުގައި ވަނީ ޖުމްލަގޮތެއްގައި ހުރިހާ ކަމެއް ބަޔާންކުރައްވާފައެވެ. މާނައީ ތިޔަބައިމީހުން އެއްވެސް ކަމެއް، ޢަމަލެއް، އަދި ޚިޔާލެއްވެސް މާތް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެ ބަސްފުޅުގެ ކުރިއަށް ނެރެގެން ނުވާނެއެވެ. ﴿وَٱتَّقُوا۟ ٱللَّـهَ ۚ إِنَّ ٱللَّـهَ سَمِيعٌ عَلِيمٌ﴾ ތިޔަބައިމީހުންގެ ބަހާއި ޢަމަލުގައި މާތް ﷲގެ އަމުރުފުޅުތަކާއި ޚިލާފުވުމުގައި އެކަލާނގެ ޢަޛާބަށް ތިޔަބައިމީހުން ބިރުވެތިވާށެވެ. ހަމަކަށަވަރުން މާތް ﷲއީ ތިޔަބައިމީހުންގެ ވާހަކަ މޮޅަށް އައްސަވައިވޮޑިގެންވާ، ތިޔަބައިމީހުންގެ ނިޔަތާއި ޙާލު މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.