ތަފްސީރު
މިތާނގައި ފަތަޙައިގެ މުރާދަކީ މާތްވެގެންވާ މައްކާ ފަތަޙަކުރުމެވެ. މައްކާ ފަތަޙަކުރެއްވުމުގެ ކުރިން ފަތަޙަކުރައްވާނެކަމުގެ އުފާވެރި ޚަބަރު މާތް ﷲ އެކަލޭގެފާނަށް ދެއްވީއެވެ. އަދި މާޒީގެ ލަފުޒު ﴿فَتَحْنَا﴾ ބޭނުންކުރައްވާފައި ވަނީ އެކަން ވާނެކަމުގެ ޔަޤީންކަން ދެއްވުމަށެވެ. ފަހެ، މާތް ﷲ ކަމެއްވާނެކަމަށް އަންގަވައިފިނަމަ އެއީ ވެނިމިފައިވާ ކަމެއް ފަދައެވެ. މާނައީ: ހަމަކަށަވަރުން މައްކާ ފަތަޙަކުރައްވުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ކަނޑައަޅުއްވައި ނިންމަވައިދެއްވައިފީމެވެ. ކަލޭގެފާނު ވަރަށް އަވަހަށް އެރަށް ފަތަޙަކުރައްވާނެއެވެ. އަދި ނަޞްރު ލިބި، ކާމިޔާބު ލިބިވަޑައިގެންވާ ޙާލު ކަލޭގެފާނު އެރަށަށް ވެދެވަޑައިގަންނަވާނެއެވެ. ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި މިތަނުގައި ފަތަޙައަކީ ޙުދައިބިއްޔާގެ ޞުލްޙައެވެ. އެ ޞުލްޙައިގެ ސަބަބުން ހިނގި، ބައިޢަތުއްރިޟްވާނާއި، އެއަށްފަހު ގިނަ މުޝްރިކުންތަކެއް އިސްލާމްދީނަށް ވަނުން ފަދަ، މަތިވެރި ކަންކަމުގެ ސަބަބުންނެވެ. އިބްނު މަސްޢޫދު رضي الله عنه ގެ މިބަސްފުޅު އެކަމަށް އިޝާރާތް ކުރެއެވެ. "ތިޔަބައިމީހުން ބަލަނީ ފަތަޙައަކީ މައްކާ ފަތަޙަކުރެއްވުން ކަމުގައެވެ. އަހަރެމެން ބަލަނީ ފަތަޙައަކީ ޙުދައިބިއްޔާގެ ޞުލްޙަ ކަމުގެއެވެ." (ޞަޙީޙުލް ބުޚާރީގައި މިބަސްފުޅު ރިވާކުރައްވާފައި ވަނީ އަލްބަރާއު ބިން ޢާޒިބުގެ އަރިހުން – މުތަރްޖިމު {ޞަޙީޙުލް ބުޚާރީ، ޙަދީޘު: 4150})