ތަފްސީރު
ވަކި އަކުރުތައް ގެންނަވާފައި ވަނީ ޤުރްއާނަކީ މުޢުޖިޒާތެއްކަން އެންގެވުމަށެވެ. ދެން އެކަލާނގެ ބަޔާންކުރައްވާފައި ވަނީ މުޢުޖިޒާތެއް ކަމުގައިވާ މިފޮތް ބާވައިލައްވާފައި ވަނީ މާތް ﷲ ގެ ޙަޟްރަތުން ކަމުގައެވެ. އެކަލާނގެއީ ﴿ٱلْعَزِيز﴾ އެންމެހާ މަޚްލޫޤުންގެ މައްޗަށް ގަދަފަދަވަންތަ ﴿ٱلْحَكِيم﴾ ޙިކްމަތްތެރިކަމާއި، ތަދްބީރުކުރެއްވުމާއެކު މެނުވީ އެއްވެސް ކަމެއް ނުކުރައްވާ ރަސްކަލާނގެއެވެ. މާތް ﷲ މިވަނީ އެކަލާނގެ ޒާތުފުޅަށް ޢިއްޒަތްތެރިކަމާއި، ކިބްރިޔާވަންތަކަމުގައި، އަދި ބަސްވަޙީކުރެއްވުމާއި، ކަންކުރެއްވުމުގައި ޙިކްމަތްވަންތަކަމުގެ ސިފަ ދެއްވާފައެވެ.