۞ إِلَيْهِ يُرَدُّ عِلْمُ ٱلسَّاعَةِ ۚ وَمَا تَخْرُجُ مِن ثَمَرَٰتٍ مِّنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَآءِى قَالُوٓا۟ ءَاذَنَّـٰكَ مَا مِنَّا مِن شَهِيدٍ ﴿٤٧﴾ ﴿ ٤٧ ﴾
ތަރުޖަމާ
ޤިޔާމަތް ދުވަސް އައުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ ދެނެވޮޑިގަތުމާ އެކުގައިމެނުވީ، އެއްވެސް މޭވާއެއް އޭގެ ބޮށިގަނޑަކުން ނުނިކުންނާނެތެވެ. އަދި އަންހެނަކު މާބަނޑެއް ނުވާނެތެވެ. އަދި ނުވެސް ވިހާނެތެވެ. އަދި ތިމަންރަސްކަލާނގެއަށް ޝަރީކުކުރިމީހުން ކޮބައިހޭ އެކަލާނގެ ގޮވައިލައްވައި ވަޙީކުރައްވާ ދުވަހު، އެއުރެން ބުނާނެތެވެ. (އިބަރަސްކަލާނގެއަށް ޝަރީކަކުވާކަމަށް) ހެކިވާ ހަމައެކަކުވެސް، ތިމަންމެންގެ ތެރޭގައި ނުވާކަމަށް އިބަރަސްކަލާނގެއަށް ތިމަންމެން މިދެންނެވީއެވެ. (47)
ތަފްސީރު
ޤިޔާމަތްވާނެ ވަގުތުގެ ޢިލްމު ވަނީ ހަމައެކަނި އެކަލާނގެއަށެވެ. ޢިއްޒަތްތެރިކަމާއި, މަތިވެރިވަންތަކަމުގެ ވެރިރަސްކަލާނގެ މެނުވީ އެކަން ދެނެވޮޑިގެން ނުވެއެވެ. އެކަލާނގެ ދެނެވޮޑިގަތުމާއެކުގައި މެނުވީ އެއްވެސް މޭވާއެއް އޭގެ ބޮށިގަނޑުން ނުނުކުމެއެވެ. އަދި އަންހެނަކު މާބަނޑު ނުވެއެވެ. އަދި ނުވެސް ވިހައެވެ. އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާ ވެގެން ނުވެއެވެ. الأكمام އަކީ كِمّ ގެ ޖަމްޢެވެ. އެއީ މޭވާގެ ބޭރުން ހުންނަ ބައެވެ. ފަހެ، މޭވާގެ ބޮށިގަނޑު ތެރޭގައްޔާއި، މާބަނޑު އަންހެނާގެ ބަނޑުގައިވާ އެެއްވެސް އެއްޗެއް މާތް ﷲ އަށް ވަންހަނާވެގެން ނުވާއިރު، އަޅުތަކުންގެ ޢަމަލު އެކަލާނގެއަށް ވަންހަނާ ވާނީ ކިހިނަކުން ހެއްޔެވެ؟ ﴿وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَآءِى قَالُوٓا۟ ءَاذَنَّـٰكَ مَا مِنَّا مِن شَهِيدٍ﴾ އަދި ކާފަރުން ދެރަކޮށްލެއްވުމަށް މާތް ﷲ އެބައިމީހުންނަށް ގޮވައިލައްވައި ތިމަންރަސްކަލާގެ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރި ކަލާނގެތައް ކޮބައިހޭ ވަޙީކުރައްވާ ދުވަހު އެބައިމީހުން ދަންނަވާނެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން އިބަރަސްކަލާނގެއަށް ޙަޤީޤަތް އަންގައިފީމެވެ. މިއަދު އިބަރަސްކަލާނގެއަށް ޝަރީކަކު ވާކަމަށް ހެކިވާ އެކަކުވެސް އަޅަމެންގެ ތެރޭގައި ނުވެއެވެ. އިބަރަސްކަލާނގެއީ އެއްކައުވަންތަ، އިބަރަސްކަލާނގެއާ އެއްފަދަ ދެވަނައެއް ނުވާ، އެއްވެސް އެއްޗަކަށް އިބަރަސްކަލާނގެ ބޭނުންވެވޮޑިގެންނުވާ، ހުރިހާ ތަކެތި އިބަރަސްކަލާނގެއަށް ބޭނުންވެންވާ ރަސްކަލާނގެއެވެ.