وَمَا كَانَ لِنَبِىٍّ أَن يَغُلَّ ۚ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَـٰمَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴿١٦١﴾ ﴿ ١٦١ ﴾
ތަރުޖަމާ
(ޣަނީމާ) މުދަލަށް ޚިޔާނާތްތެރިވުމަކީ، ނަބީބޭކަލަކަށް އޮތްކަމެއް ނޫނެވެ. އަދި، މުދަލަށް ޚިޔާނާތްތެރިވާ މީހާ އެމީހަކު ޚިޔާނާތްތެރިވި ތަކެއްޗާއިގެން ޤިޔާމަތް ދުވަހުން (އެކަލާނގެ ޙަޟްރަތަށް) އަންނާނެތެވެ. ދެން، ކޮންމެ ނަފްސަކަށްމެ އެ ނަފްސެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބިދެއްވާނެތެވެ. އެއުރެންނަށް ބޭއިންސާފު ނުކުރައްވާ ގޮތުގައެވެ. (161)
ތަފްސީރު
ބަދުރު ހަނގުރާމައިގެ ޣަނީމާތަކުގެ ތެރެއިން ރަތްކުލައިގެ ސާލެއް ގެއްލުމުން، އޭތި ނެންގެވީ ރަސޫލުﷲ ﷺ ކަމަށް ވެދާނެކަމަށް މުނާފިޤުންގެ ތެރެއިން ބައެއް މީހުން ބުންޏެވެ. ދެން މި އާޔަތް ބާވައިލެއްވިއެވެ. قَالَ ابْنُ عَبَّاسٍ رضى الله عنهما نَزَلَتْ هَذِهِ الآيَةُ { وَمَا كَانَ لِنَبِيٍّ أَنْ يَغُلَّ } فِي قَطِيفَةٍ حَمْرَاءَ فُقِدَتْ يَوْمَ بَدْرٍ فَقَالَ بَعْضُ النَّاسِ لَعَلَّ رَسُولَ اللَّهِ صلى الله عليه وسلم أَخَذَهَا فَأَنْزَلَ اللَّهُ عَزَّ وَجَلَّ { وَمَا كَانَ لِنَبِيٍّ أَنْ يَغُلَّ } إِلَى آخِرِ الآيَةِ . (سنن أبي داود، كتاب الحروف والقراءات, باب (1)) (އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. ﴿وَمَا كَانَ لِنَبِىٍّ أَن يَغُلَّ ۚ ﴾ މި އާޔަތް ބާވައިލެއްވީ ބަދުރު ހަނގުރާމައި ދުވަހު ގެއްލުނު ރަތް ކުލައިއިގެ ސާލަކާ ބެހޭގޮތުންނެވެ.ބައެއް މީހުން ބުނީ ރަސޫލުﷲ ﷺ އޭތި ނެންގެވީ ކަމަށް ވެދާނެ ކަމުގައެވެ.ދެން މާތް ﷲ ﴿وَمَا كَانَ لِنَبِىٍّ أَن يَغُلَّ ۚ﴾ މި އާޔަތް ބާވައިލެއްވިއެވެ.) (ސުނަނު އަބީދާވޫދް، ޙަދީޘު: 3971) މާނައީ: ޣަނީމާއަށް ޚިޔާނަތްތެރިވުމީ އެއްވެސް ނަބީބޭކަލަކަށް ކުރެއްވުން ހުއްދަ އަދި އެކަށީގެންވާ ކަމެއް ނޫނެވެ. އެހެނީ ޚިޔާނާތްތެރިވުމަކީ ނަބީކަމާ މުޅިން ފުށުއަރާ ސިފައެކެވެ. މިކަން މިއީ ތަޞައްވުރުވެސް ނުކުރެވޭ ކަމަކަށް ވާއިރު މިކަން ޙަޤީޤަތަކަށް ނުވާނެއެވެ. މުސްލިމުންގެ ތެރެއިން ޣަނީމާއަށް ޚިޔާނާތްތެރިވާ މީހަކު، ޤިޔާމަތް ދުވަހު މަޙްޝަރު ކުރައްވާނީ އޭނާ އެ ނެގި އެއްޗެއް ކަރުގައި އެޅިގެންވާ ޙާލުގައެވެ. އެއީ އޭނާ ބޭޒާރުކުރެއްވުމުގެ ގޮތުންނެވެ. ދެން ކޮންމެ ނަފުސަކަށް އުނިކުރުމެއް ނެތި ފުރިހަމައަށް ޖަޒާ ދެއްވާނެއެވެ.