036
يسٓ ﴿١﴾ ﴿ ١
ތަރުޖަމާ
ى س (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ اللَّه އެވެ.) (1)
ތަފްސީރު
﴿يسٓ﴾ ވަކި އަކުރުތައް ގެންނަވާފައި މިވަނީ ޤުރްއާނަކީ މުޢުޖިޒާތެއްކަން ހާމަކުރެއްވުމަށެވެ. މުޢުޖިޒާތެއް ކަމުގައިވާ ޤުރްއާން ގަންދެއްވައި ހުވައި ވަހީކުރައްވަނީ މުޙައްމަދު ﷺ އަކީ މާތް ﷲ އިންސާނުންނަށް ތެދުމަގު ދައްކަވަން ފޮނުއްވި ރަސޫލުބޭކަލުންގެ ތެރެއިން ބޭކަލެއް ކަމުގައެވެ. އަދި އެކަލޭގެފާނު ވަނީ ބަޔާންވެގެންވާ ސާފު މަގުގައި ކަމުގައެވެ. އަދި މިޤުރްއާނަކީ ޢިއްޒަތްތެރިވަންތަކަމާއި މަތިވެރިވަންތަކަމުގެ ވެރި ރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަމުގައެވެ. ރަސޫލާ ﷺ ގެ ރަސޫލުކަމުގެ މައްޗަށް މާތް ﷲ ޤުރްއާން ގަންދެއްވި ހުވައި ވަޙީކުރެއްވީ އެކަލޭގެފާނުގެ ދަރަޖަ މަތިވެރިކުރައްވުމަށެވެ. ފަހެ، ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ތެރެއިން، މުޙައްމަދު ﷺ ފިޔަވައި އެއްވެސް ބޭކަލަކަށްޓަކައި މާތް ﷲ ހުވައިބަސްފުޅު ވަޙީކުރައްވާފައި ނުވެއެވެ. އެކަލޭގެފާނަށް މަތިވެރިކަމާއި ޝަރަފުގެ ގޮތުން އެކަން ފުދެއެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. ޤުރައިޝު ވަންހައިގެ ކާފަރުން ބުންޏެވެ. މުޙައްމަދު ﷺ އެވެ. ކަލޭގެފާނަކީ ރަސޫލުބޭކަލެއް ނޫނެވެ. އަހަރެމެންގެ ގާތަށް މާތް ﷲ ކަލޭގެފާނު ނުފޮނުއްވައެވެ. ދެން މާތް ﷲ ޤުރްއާން ގަންދެއްވައި މުޙައްމަދު ﷺ އަކީ މާތް ﷲ ގެ ރަސޫލާކަމަށާއި، އެކަލޭގެފާނު ރަސޫލުބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާކަމަށް ހުވައި ވަޙީކުރެއްވިއެވެ. (ތަފްސީލް ޤުރްޠުބީ، ސޫރަތު ޔާސީން، އާޔަތް: 3)
ނޯޓް