033
يَـٰٓأَيُّهَا ٱلنَّبِىُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلْكَـٰفِرِينَ وَٱلْمُنَـٰفِقِينَ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا ﴿١﴾ ﴿ ١
ތަރުޖަމާ
އޭ ނަބިއްޔާއެވެ! ކަލޭގެފާނު اللَّه އަށް ތަޤްވާވެރިވެވަޑައިގަންނަވާށެވެ! އަދި ކާފިރުންނާއި، މުނާފިޤުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ. (1)
ތަފްސީރު
﴿يَـٰٓأَيُّهَا ٱلنَّبِىُّ﴾ އޭ ވަޙީކުރައްވައި މާތް ﷲ މި ސޫރަތް ފަށްޓަވާފައި މިވަނީ، ނަބީބޭކަލުންގެ ސާހިބާ މުޙައްމަދު ﷺ އަށް ދެއްވާފައިވާ މާތްކަމާއި ޝަރަފުވެރިކަން ހާމަކޮށްދޭ ލޮބުވެތި، އޯގާތެރި ގޮވައިލެއްވުމަކުންނެވެ. އެހެން ނަބީބޭކަލުންނާ މުޚާޠަބުކުރައްވައި يا آدم، يا نوح، يا إبراهيم އޭ ވަޙީކުރެއްވި އިރު އެކަލޭގެފާނާ މުޚާޠަބުކުރައްވައި يا محمد އޭ ވަޙީނުކުރައްވައެވެ. އެކަލާނގެ އެކަލޭގެފާނާ މުޚާޠަބުކުރެއްވީ އެކަލޭގެފާނުގެ ޤަދަރު އުފުލިގެންދާ، ނަބީކަމުގެ ލަފްޒުންނެވެ. ހަމަ އެފަދައިން އެކަލޭގެފާނު ޝަރަފުވެރިކުރެއްވުމަށާއި، އެކަލޭގެފާނަކީ އެންމެހާ ރަސޫލުބޭކަލުންގެ ސާހިބާކަން އެންގެވުމަށް يا أيها الرسول ގެ ލަފުޒުން ވެސް އެކަލޭގެފާނަށް މުޚާޠަބުކުރައްވާފައި ވެއެވެ. ﴿ٱتَّقِ ٱللَّـهَ وَلَا تُطِعِ ٱلْكَـٰفِرِينَ وَٱلْمُنَـٰفِقِينَ﴾ މާނައީ މާތް ﷲ އަށް ބިރުވެތިވެވަޑައިގެން ސިއްރާއި ފާޅުގައި އެކަލާނގެ މުރާޤަބާ ކުރައްވާށެވެ. އެބައިމީހުންގެ ކަލާނގެތަކަށް ބަދުބަސް ވިދާޅުވުން ހުއްޓަވާލައްވައި، އެބައިމީހުން އެދޭގޮތަށް ދޫދެއްވުމަށް ކާފަރުންނާއި މުނާފިޤުން އެދޭ އެދުމަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ. އަދި އެބައިމީހުންނާމެދު ފަރުވާތެރިވެވަޑައިގެން ރައްކާތެރިވެވަޑައިގަންނަވާށެވެ. ފަހެ، އެބައިމީހުންނަކީ ކަލޭގެފާނާއި، ކަލޭގެފާނުގެ ދީނުގެ އެންމެ ބޮޑެތި ޢަދުއްވުންނެވެ. މާތް ﷲ އީ އެބައިމީހުންގެ ސިއްރުތައް ދެނެވޮޑިގަންނަވާ، އެކަލާނގެ ޝަރުޢުކުރެއްވުމާއި، ތަދުބީރުކުރެއްވުމުގައި ޙަކީމުވަންތަ ރަސްކަލާނގެއެވެ... މުޚާޠަބުކުރައްވާފައި ވަނީ ނަބިއްޔާ ﷺ އަށްކަމުގައި ވިޔަސް މުރާދަކީ އެކަލޭގެފާނުގެ އުއްމަތެވެ. މިއީ، ކާފިރުކަމާއި މުނާފިޤުކަމުގެ އަހުލުވެރިންނަށް ތަބަޢަނުވުމަށް އެންމެހާ މުއުމިނުންނަށް ދެއްވާފައިވާ އިންޒާރެކެވެ.
ނޯޓް