030
الٓمٓ ﴿١﴾ ﴿ ١
ތަރުޖަމާ
ا ل م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ اللَّه އެވެ.) (ޢަރަބީންނާ) އެންމެ ކައިރި ބިމުގައި (ފާރިސީންގެ އަތުން) ރޫމީން ބަލިވެއްޖައޫއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: ފާރިސީންގެ މައްޗަށެވެ.) އޭގެކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އަދި އެދުވަހުން މުއުމިނުން އުފާކުރާނެތެވެ. (1-4) (އެއީ) اللَّه ގެ ނަަޞްރުންނެވެ. އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް ނަަޞްރު ދެއްވަތެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ރަޙީމުވަންތަ ރަސްކަލާނގެއެވެ. (5)
ތަފްސީރު
ވަކި އަކުރުތައް ގެންނަވާފައިވަނީ ޤުރްއާނަކީ މުޢުޖިޒާތެއްކަން ބަޔާންކުރެއްވުމަށެވެ. ޝާމުކަރައިގެ ފަރާތުން އެންމެ ކައިރީގައިވާ އެބައިމީހުންގެ ބިމުގައި ރޫމީން ބަލިވެއްޖެއެވެ. އެބައިމީހުން ބަލިވެ، ފާރިސީން އެބައިމީހުންގެ މައްޗަށް ގަދަވުމަށްފަހު، ރޫމީން ފާރިސީންގެ މައްޗަށް އަދި ކާމިޔާބު ހޯދާނެއެވެ. އެބައިމީހުން ފާރިސީންގެ މައްޗަށް ކާމިޔާބު ހޯދާނީ މަދު އަހަރުތަކަކަށް ވުރެ އިތުރު ނުވާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެބައިމީހުން ބަލިވި އިރުވެސް އަދި ފަހުން އެބައިމީހުން ކާމިޔާބު ހޯދާއިރުވެސް ހުރިހާ ކަމެއް މިލްކުވެގެންވަނީ މާތް ﷲ އަށެވެ. އަދި ހުރިހާ ކަމެއް ތަދުބީރުކުރައްވަނީ އެކަލާނގެއެވެ. މުއުމިނުން މި ނަޞްރާ މެދު އުފާވާނީ މަޖޫސީންނަށްވުރެ އަހުލުކިތާބީން މުއުމިނުންނާ ގާތްވާތީއެވެ. ފަހެ، އަހުލުކިތާބީންނަށް ނަޞްރު ލިބުމަކީ އީމާންކަމާ ޢަޤީދާއަށް ނަޞްރު ލިބުމެވެ. މާތް ﷲ އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ފަރާތަކަށް ނަޞްރު ދެއްވައެވެ. އެކަލާނގެއީ ޢަދުއްވުންގެ ކިބައިން ބަދަލު ހިއްޕެވުމުގައި ގަދަފަދަވަންތަ، އެކަލާނގެ ވަލިއްޔުން އަދި އެކަލާނގެއަށް ލޮބުވެތި މީހުންނަށް ރަޙްމަތްލައްވާ ރަސްކަލާނގެއެވެ.
ނޯޓް