يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌ ﴿ ١ ﴾
ތަފްސީރު
މިއީ ޤިޔާމަތާ ޖެހެންދެން ދުނިޔެއަށް އަންނާނެ ހުރިހާ އިންސާނުންނަށް އައިސްފައިވާ ޚިޠާބެކެވެ. މާނައީ: އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުން މާތް ﷲގެ ޢުޤޫބާތަށް ބިރުވެތިވާށެވެ. އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަމުރުތަކަށް ބޯލަނބައި، ނަހީތަކުން ދުރުވެ އެކަލާނގެ އަށް ތަޤްވާވެރިވާށެވެ. ފަހެ، ޤިޔާމަތްވާ ވަގުތު އަންނަ ބިންހެލުމަކީ، މީހަކަށް އޭގެ ބިރުވެރިކަން ތަޞައްވުރުވެސް ނުކުރެވޭހާ ބިރުވެރިކަން ބޮޑު ބިންހެލުމެކެވެ.