018
ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبْدِهِ ٱلْكِتَـٰبَ وَلَمْ يَجْعَل لَّهُۥ عِوَجَا ۜ ﴿ ١
ތަރުޖަމާ
حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެ އަޅާއަށް ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އެ ފޮތުގައި، އެއްވެސް ގުދުކަމެއް (ނުސީދާކަމެއް) ނުލައްވަތެވެ. (1)
ތަފްސީރު
މިއީ މާތް ﷲއަށް ޙަމްދުކުރާނެ ގޮތް އަޅުތަކުންނަށް ދަސްކޮށްދެއްވުމަށް اَلْحَمْدُ للهِ އިން ފަށްޓަވާފައިވާ ފަސް ސޫރަތުގެ ތެރެއިން އެއް ސޫރަތެވެ. އެއީ އަލްފާތިޙާ، އަލްއަންޢާމް، އަލްކަހްފު، ސަބައު، އަދި ފާޠިރު މި ފަސް ސޫރަތެވެ. މި ޙަދީޘުގައި އައިސްފައިވާ ފަދައިންނެވެ. عَنْ أَبِي الدَّرْدَاءِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ "‏ مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ‏"‏. (صحيح مسلم، كتاب صلاة المسافرين وقصرها، باب فَضْلِ سُورَةِ الْكَهْفِ وَآيَةِ الْكُرْسِيِّ) (އަބުއްދަރްދާއި رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ﷺޙަދީޘުކުރެއްވިއެވެ. "އަލްކަހްފު ސޫރަތުގެ ކުރީކޮޅުން ދިހަ އާޔަތް ދަސްކޮށްފި މީހަކު ދައްޖާލުގެ ކިބައިން ރައްކާތެރި ކުރައްވާނެއެވެ.) (ޞަޙީޙު މުސްލިމް، ޙަދީޘު: 809) މާނައީ: އެކަލާނގެ އަޅާ އަދި ރަސޫލާ މުޙައްމަދު ﷺ ގެ މައްޗަށް ޤުރްއާން ބާވައިލެއްވި މަތިވެރިވަންތަ، ކީރިތި ﷲ އަށް ތިޔަބައިމީހުން ޙަމްދުކުރާށެވެ. އެއީ އިންސާނުންނަށް ދެއްވި އެންމެ މަތިވެރި ނިޢުމަތެވެ. އެފޮތަކީ އެއްވެސް ގުދުކަމެއް، ސީދާ މަގުން އެއްކިބާވުމެއް އޭގައި ނެތް ސީދާ ވެގެންވާ ފޮތެއްކަމުގައި ލައްވާފައި ވާތީއެވެ.
ނޯޓް