سُبْحَـٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَـٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَـٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ ﴿١﴾ ﴿ ١ ﴾
ތަރުޖަމާ
المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ ހުސް ޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (1)
ތަފްސީރު
ސޫރަތް ފަށްޓަވާފައި މިވަނީ ރަސޫލުބޭކަލުންގެ ސާހިބާ ﷺ އަށް ދެއްވި މަތިވެރި މުޢުޖިޒާތް ކަމުގައިވާ އިސްރާއާއި މިޢުރާޖުގެ ވާހަކައިންނެވެ. މިއީ އެކަލޭގެފާނުގެ އެންމެ މަތިވެރި މުޢުޖިޒާތެވެ. ޤުރްއާނުގައި މިވަނީ މިމުޢުޖިޒާތުގެ ވާހަކަ ގެންނަވައި، ހުރިހާ ޒަމާންތަކަކަށް ދެމިގެންދާނޭހެން އެފޮތުގައި ނޫރުގެ އަކުރުތަކަކުން ލިޔުއްވާފައެވެ. މިކަމުން އިޝާރާތް ކޮށްދެނީ އެ ނަބިއްޔާ ﷺ ގެ މަތިވެރިކަމަށާއި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެކަލޭގެފާނުގެ ދަރަޖަ އުފުލިގެންވާ މިންވަރަށެވެ. މާނައީ: ރޭގަނޑުން ބައެއްގައި އެކަލާނގެ އަޅާ ނުހަނު ދުރު ރާސްތާ ކަޑައްތުކުރައްވައި މައްކާއިން ބައިތުލްމަޤްދިސަށް ގެންދެވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ. އެއީ އުޑުތަކާއި ބިމުގެ މަލަކޫތުގައިވާ އެކަލާނގެ ކުޅަދުންވަންތަކަމުގެ މަތިވެރި ހެކިތައް އެކަލޭގެފާނަށް ދެއްކެވުމަށެވެ. މާތް ﷲއީ މުޙައްމަދު ﷺ ގެ ވާހަކަފުޅުތައް މޮޅަށް އައްސަވައިވޮޑިގެންވާ އެކަލޭގެފާނުގެ ޢަމަލުފުޅުތައް މޮޅަށް ދެކެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލޭގެފާނަށް މިކަރާމާތާއި މުޢުޖިޒާތް ޚާއްޞަކުރެއްވީ އެހެންވެގެންނެވެ. الإسراء އަކީ ރޭގަނޑު ދަތުރުކުރުމެވެ. ﴿لَيْلًا﴾ ނަކިރާއެއްގެ ގޮތުގައި (އައްޔަން ނުވާ ނަމެއްގެ ގޮތުގައި) ގެންނަވާފައި ވަނީ އެކަން ހިނގީ މުޅި ރޭގަނޑުގައި ނޫންކަމާއި، ރޭގަނޑުން ބައެއްގައި ކަން ހާމަކުރެއްވުމަށެވެ. އަދި ﴿بِعَبْدِهِ﴾ ގެންނަވާފައިވަނީ އެދަތުރު ކުރެއްވީ ރޫޙާނީ ގޮތުން ނޫންކަމާއި، އެކަލޭގެފާނުގެ ހަށިކޮޅު ދަތުރުކުރެއްވިކަން ބަޔާންކުރެއްވުމަށެވެ. އަދި ނިދީގައި ނޫންކަމާއި، ހޭލާ ހުރެގެން ކަމާއި، ކުރެއްވީ ޚިޔާލީ ދަތުރެއް ނޫން ކަމާއި، ޙަޤީޤީ ދަތުރެއްކަން ހާމަކުރެއްވުމަށެވެ. (أَسْرَى بِعَبْدِهِ مَنَامًا) (އެކަލާނގެ އަޅާ ހުވަފެނުގައި ގެންދެވި) ނުވަތަ (أَسْرَى بِرُوحِ عَبْدِهِ) (އެކަލާނގެ އަޅާގެ ރޫޙު ގެންދެވި) އޭ ވަޙީ ނުކުރެއްވީ އެހެންވެގެންނެވެ. އެއީ ނިދީގައި ހިނގި ކަމެއްނަމަ އެވާހަކަ މާތް ﷲ އެކަލާނގެ ފޮތުގައި ނުގެންނެވީހެވެ. އެހެނީ، ކޮންމެ މީހަކަށްވެސް ހުވަފެނުގައި އާދަޔާއި ޚިލާފު ޢަޖާއިބު ކަންތައް ފެނެއެވެ.