014
الٓر ۚ كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ ﴿١﴾ ﴿ ١
ތަރުޖަމާ
ا ل ر (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ اللَّه އެވެ.) (މިއީ) ފޮތެކެވެ. އެ ފޮތް ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީ، އެއުރެންގެ ވެރިރަސްކަލާނގެ އިޒުނަފުޅާއެކު، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލޭގެފާނު، މީސްތަކުން ނެރުއްވުމަށެވެ. ގަދަފަދަވަންތަ، ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެ (ދެއްކެވި) މަގަށެވެ. (1)
ތަފްސީރު
ވަކި އަކުރުތައް ގެންނަވާފައި ވަނީ ކުރިންވެސް ބަޔާންވެ ދިޔަ ފަދައިން ކީރިތި ޤުރްއާނަކީ މުޢުޖިޒާތެއްކަން އެންގެވުމަށެވެ. މާނައީ މުޙައްމަދު ﷺ އެވެ! އެފަދަ އެއްޗެއް ގެނެސްގަތުމުން ނުކުޅައްދާފައިވާ މި ކީރިތި ޤުރްއާނަކީ ކަލޭގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތެކެވެ. ކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި ފޮތެއް ނޫނެވެ. ތިމަންރަސްކަލާނގެ ވަޙީގެ ގޮތުގައި ކަލޭގެފާނުގެ މައްޗަށް އެފޮތް ބާވައިލެއްވީއެވެ. މާތް ﷲގެ އަމުރުފުޅާއި، އިރާދަފުޅާއެކު، ޖާހިލުކަމާއި، ޝިރުކުގެ އަނދިރި ކަމުން ހިދާޔަތާއި، އީމާންކަމުގެ އަލިކަމަށް ކަލޭގެފާނު މީސްތަކުން ނެރުއްވުމަށެވެ. އަދި އުޑާއި ބިމުގައި ވާހައި ތަކެއްޗެއްގެ ވެރި، ހުރިހާ ދުލަކުން ޙަމްދު ކިޔޭ، ހުރިހާ ތަނެއްގައި މަތިވެރިކުރެވިގެންވާ ﷲގެ ސީދާވެގެންވާ މަގަށް އެބައިމީހުންނަށް މަގުދެއްކެވުމަށެވެ. އަދި ކާފިރުންނަށް މާތް ﷲގެ ވޭންދެނިވި ޢަޛާބުން ހަލާކުހުށްޓެވެ.
ނޯޓް