011
الٓر ۚ كِتَـٰبٌ أُحْكِمَتْ ءَايَـٰتُهُۥ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ ﴿١﴾ ﴿ ١
ތަރުޖަމާ
ا ل ر (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ اللَّه އެވެ.) (މިއީ) ފޮތެކެވެ. އެ ފޮތުގެ އާޔަތްތައްވަނީ، އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭގޮތުގައި ފުރިހަމަ ނިޒާމަކުން ތަންޒީމުކުރައްވާފައެވެ. އަދި އެ (ފޮތުގައިވާ ހުރިހާ ތަކެއްޗެއް) ވަނީ ތަފްޞީލުކޮށް ބަޔާންކުރައްވާފައެވެ. (އެއީ) މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ ރަސްކަލާނގެ ޙަޟްރަތުންނެވެ. (1)
ތަފްސީރު
ވަކިއަކުރުތައް އައިސްފައިވަނީ ޤުރްއާނަކީ މުޢުޖިޒާތެއްކަން އެންގެވުމަށެވެ. އެހެނީ، މުޢުޖިޒާތެއް ކަމުގަވާ މިފޮތް އެކުލެވިގެންވަނީ، އެބައިމީހުން އެއަކުރުތަކެއް ބޭނުންކޮށްގެން ވާހަކަދައްކައި އުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުގެ މައްޗަށެވެ. އާޔަތުގެ މާނައީ މުޢުޖިޒާތެއް ކަމުގައިވާ މިފޮތަކީ ޤަދަރުއުފުލިގެންވާ، ދަރަޖަ މަތިވެރި ފޮތެކެވެ. އެ ފޮތުގެ އާޔަތްތައް އަތުރާލެވިފައިވަނީ ފުރިހަމަ ބަދަހި ނިޒާމަކުންނެވެ. ދެން، އެފޮތުގައި ޙަލާލާއި ޙަރާމުގެ މައްސަލަތަކާއި، އަޅުކަމާއި މުޢާމަލާތްތަކުގެ ޙުކުމްތަކުގެ އިތުރުން މާތް ﷲގެ އެއްކައުވަންތަކަމާއި، ނަބީކަމާއި ވަޙީބާވައިލެއްވުމުގެ ދަލީލުތަކާއި، ވާހަކަތަކާއި، ނަސޭހަތްތައް އެންމެ ރިވެތިގޮތުގައި ބަޔާންކުރެވިފައި ވެއެވެ. އެތަކެތި ތަފްޞީލުކުރައްވައި ބަޔާންކޮށްދެއްވާފައިވަނީ އެންމެ ޙިކުމަތްވަންތަ، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ޢިއްޒަތްތެރިކަމާއި، މަތިވެރިވަންތަކަމުގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށްޓަކައެވެ. ފަހެ ތިމަންކަލޭގެފާނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި ބިރުވެރިކަމުގެ ޚަބަރުދެއްވާ، އަދި އުފާވެރިކަމުގެ ޚަބަރުދެއްވާ ރަސޫލަކީމެވެ. ތިޔަބައިމީހުން އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކޮށްފިނަމަ އެކަލާނގެ ޙަޟްރަތުން ހުރި ޢަޛާބުގެ ބިރުވެރިކަމުގެ ޚަބަރެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް ކިޔަމަންވެ، އެކަލާނގެއަށް އަޅުކަންކޮށްފިނަމަ އެކަލާނގެ ރަޙްމަތާއި ރުއްސެވުމުގެ އުފާވެރިކަމުގެ ޚަބަރެވެ.
ނޯޓް