112
قُلْ هُوَ ٱللَّهُ أَحَدٌ ﴿ ١
ތަރުޖަމާ
ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. (1)
ތަފްސީރު
މި ސޫރަތް ފަށްޓަވާފައި މިވަނީ އިލާހީ ޒާތުފުޅުގެ ޤުދްސިއްޔަ ސިފަފުޅުތައް ބަޔާންކުރައްވަމުންނެވެ. މާނައީ: މުޙައްމަދު ﷺ އެވެ! ޢާލަމްތަކުގެ ވެރިރަސްކަލާނގެ އެއްކައުވަންތަކަމަށް އިންކާރުކުރާ އެ މުޝްރިކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު އެކަލާނގެއަށް އަޅުކަންކުރައްވާ، އަދި އެކަލާނގެއަށް އަޅުކަންކުރުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވާ އެންމެ ފުރިހަމަ ސިފަފުޅުތަކުން ސިފަލިބިވޮޑިގެންވާ، މަތިވެރިވަންތަ ކީރިތިވަންތަ ރަސްކަލާނގެއެވެ. ފަހެ އެކަލާނގެއީ އެފަދަ ދެވަނައެއް ނުވާ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެއްކައުވަންތަ ރަސްކަލާނގެއަކީ ޒާތުފުޅުގައި އެއްކައުވަންތަ، ސިފަފުޅުތަކުގައި އެއްކައުވަންތަ، ކުރައްވާ ކަންކަމުގައި އެއްކައުވަންތަ، އެކަލާނގެއާ އެއްފަދަ، އެއް ވައްތަރު، އަދި ހަމަހަމަ އެއްވެސް ފަރާތެއް ނުވާ ރަސްކަލާނގެއެވެ.
ނޯޓް