ތަފްސީރު
ފަހެ، އެބައިމީހުންގެ ވިޔަފާރީގައި މަޝްޣޫލުވުމުގެ ސަބަބުން ނަމާދާ މެދު ފަރުވާކުޑަކޮށް، ނަމާދު އޭގެ ވަގުތަށްވުރެ ފަސްކުރާ މީހުންނަށް ހަލާކާއި، ޢަޛާބާއި، ސުންނާފަތިކަން ހުށްޓެވެ. މިއީ މުނާފިޤުންގެ ސިފައެވެ. އެބައިމީހުން ނަމާދުކުރަނީ ދެއްކުންތެރިކަމާއި، މަޝްހޫރުކަމަށްޓަކައެވެ. ނަމާދަކަށް އެބައިމީހުން މުހިއްމުކަމެއް ނުދެއެވެ.
އިބްނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ. އެއީ ނަމާދު ކުރިއަސް އެނަމާދުން ދަރުމަ ލިބުމަށް ނޭދޭ އަދި ނަމާދު ދޫކޮށްލިއަސް ޢަޛާބު ލިބޭނެކަމަށް ބިރުވެތިނުވާ މީހާއެވެ. އެނާގެ ހިތް އީމާންކަމުން ހުސްވެފައި ވާތީއެވެ. މީގެ ދަލީލަކީ ދެން އަންނަ ވަޙީ ބަސްފުޅެވެ.