ތަފްސީރު
ފަހެ، ގަސްތަކުން ފައިބައި، ގަދަ ވަޔާއެކު އުދުހިގެންދާ ފަތްތަކެއް ފަދައިން ނުވަތަ ޖަނަވާރު ކައި، ނަޖިހަށް ބޭރުކޮށްފައިވާ ކާއެއްޗެއް ފަދައިން ތިމަންރަސްކަލާނގެ އެބައިމީހުން ލެއްވީމެވެ. ދެން، އެބައިމީހުންގެ އަސަރުވެސް ނެތި ދިޔައީއެވެ.
މާތް ﷲ ފީލު ބާގައިގެ މީހުން ނެތިކުރެއްވުމުން، ޤުރައިޝު ވަންހައިގެ ޢިއްޒަތް މަތިވެ، މީސްތަކުންގެ ކުރިމަތީގައި އެބައިމީހުންގެ ހައިބަތު ބޮޑުވެގެން ދިޔައެވެ. އަދި މީސްތަކުންގެ ހިތްތަކުގައި އެބައިމީހުންނަށް މަތިވެރި ދަރަޖައެއް ދެވުނެވެ. އެހެންކަމުން، މާތް ﷲ އެބައިމީހުންނަށް މިޙާދިޘާ ހަނދާންކޮށްދެއްވީ، އެބައިމީހުން އެކަލާނގެ ގެފުޅުގެ ޙުރުމަތާއި، އެކަލާނގެ ނަބިއްޔާގެ ޤަދަރު ދެނެގަނެ، ކާފިރުކަމާއި، ޝިރުކުން ދުރުވެގަތުމަށްޓަކައެވެ. މި ޙާދިޘާ ހިނގާފައި ވަނީ ރަސޫލުﷲ ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަހަރުއެވެ. އަދި އެކަންވެގެން ދިޔައީ އެކަލޭގެފާނު ވަޑައިގަތުމުގެ އެންމެ ބޮޑު އެއް ޢަލާމާތް ކަމުގައެވެ. އެހެނީ، އެ ސިފައިގައި ދޫނިތަކެއް އައުމަކީ ބައެއް ނަބީބޭކަލުންގެ ކުރިން ފެނިފައި ހުރި އާދަޔާ ޚިލާފު ކަމެކެވެ. ގެފުޅާމެދު ނުބައިކޮށް ކަންކުރަން ހިތުލައިގެން އައި މީހުން މާތް ﷲ ނުބައި ގޮތުގައި ނެތިކުރެއްވީ އެކަލާނގެ އެންމެ ބަލިކަށި ލަޝްކަރު މެދުވެރިކުރައްވައެވެ. ކުދި ހިލަތަކެއް އުފުލައިގެން އައި ދޫނިތަކެއް މެދުވެރިކުރައްވައެވެ. އެއީ ކުދި ހިލަތަކެއް ކަމުގައި ވިޔަސް އެންމެ ނުރައްކާތެރި އުންޑައަށްވުރެ އޭގެ ހަލާކުކުރުމުގެ ބާރު މާ ގަދައެވެ. އެ ވާހަކައަކީ: ރިވާވެގެން ވެއެވެ. ޔަމަނުގެ ރަސްގެފާނު އަބްރަހާ އަލްއަޝްރަމް ޞަންޢާގައި ބޮޑު ފައްޅިއެއް ބިނާކުރިއެވެ. އަދި އެތަން ޖަވާހިރާއި، އަގުބޮޑު ހިލައިން ޒީނަތްތެރި ކުރިއެވެ. އޭނާ ބޭނުންވީ ޙައްޖުވެރިން އެތަނާ ދިމާއަށް އަނބުރައިލާށެވެ. ދެން، ޢަރަބިންނަށް މިޚަބަރު ލިބިގެން ބަނޫކިނާނާ ޤަބީލާގެ މީހަކު ރޭގަނޑު އެފައްޅިއަށް ވަދެ އެތަނަށް ބޮޑުކަމު ދިޔައެވެ. އަދި އެތަނުގެ ފާރުތަކުގައި ނަޖިސް އުނގުޅިއެވެ. ދެން، އަބްރަހާއަށް އެކަން އެނގުމުން ރުޅިގަދަވެ، ގެފުޅު މުގުރާލައި، ހިލަހިލަ ވަކިކޮށްލާނެކަމަށް ހުވާކުރިއެވެ. އަދި ނީލަގެރި އެތަށް ސަވާރުވެގެން އައި ބޮޑު ލަޝްކަރަކާއިގެން މައްކާއަށް ދަތުރު ކުރިއެވެ. އެ ލަޝްކަރު މައްކާއާއި ގާތްވުމުން އެރަށުގެ މީހުން ރަށް ދޫކޮށް ފަރުބަދަތަކަށް އެރިއެވެ. ދެން، މާތް ﷲ އޭގެ ތުނބާއި ފައިތަކުން ގާވެފައިވާ މަށީގެ ހިލަ އުފުލައިގެން އައި ދޫނިތަކެއް އެލަޝްކަރުގެ މައްޗަށް ފޮނުއްވިއެވެ. އަދި އެބައިމީހުން ނެތިކުރައްވައި، އެމީހުން މި ބިންމަތިން ފޮހެލެއްވިއެވެ. އަދި ޢިބްރަތް ލިބިގަންނަ ބަޔަކަށް ޢިބްރަތެއް ކަމުގައި އެބައިމީހުން ލެއްވިއެވެ.