104
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ﴿ ١
ތަރުޖަމާ
غيبة ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ. (1)
ތަފްސީރު
الهُمَزَة އަކީ މީސްތަކުންނަށް ޣީބަބުނެ، އެބައިމީހުން އަބުރާ ބެހި، މަލާމާތާއި ފުރައްސާރަކޮށް، ދެރަކޮށް ނިކަމެތިކޮށްލާ މީހާއެވެ. اللُّمَزَة އަކީ ނިކަމެތިކޮށް ދެރަކޮށްލުމުގެ ގޮތުން މީސްތަކުންނާ ދިމާއަށް ލޮލާއި ބުމައިގެ އިޝާރާތުން ވައްތަރުޖައްސާ މީހާއެވެ. މާނައީ: އޭނާގެ ދުލުންވިޔަސް، ނުވަތަ ލޮލުންނާއި ބުމައިން ވިޔަސް މީސްތަކުންނަށް ޢައިބު ކިޔައި، އެބައިމީހުންގެ އަބުރާ ބެހޭ މީހާއަށް ޢަޛާބާއި، ނެތިދިއުމާއި، ސުންނާފަތިކަން ހުށްޓެވެ. ﴿هُمَزَة﴾ އަދި ﴿لُمَزَة﴾ އަކީ މުބާލަޣާގެ ދެ ލަފުޒެވެ. އެއީ ކަމެއް އާދަކޮށް ގިނައިން ކުރުމަށް ދަލީލުކުރާ ވަޒަނެކެވެ. މިވެނީ މީހަކީ لُعَنَة އެއް (ގިނައިން ލަޢުނަތްދޭ މީހެއް) އަދި ضُحَكَة އެއް (ގިނައިން ހޭނ މީހެއް) ކަމުގައި ބުނެ އުޅެނީވެސް އެފަދައިންނެވެ. ޅެންވެރިޔަކު ބުނެފައި ވެއެވެ. تُدْلِي بِوُدِّي إذا لاقَيتَنِي كَذِبًا وإِن تَغَيَّبتُ كنتَ الهامِزَ اللُّمَزَة (ތިބާ އަހުރެންނާ ބައްދަލުވާ ހިނދު ދޮގުހަދައި، އަހުރެން ދެކެ ލޯބިވާކަން ހާމަކުރެއެވެ. އަހުރެން ފެންނަން ނެތްނަމަ ތިބާވަނީ ޣީބަ ބުނާ، ގިނަގިނައިން މަލާމާތްކޮށް، ފުރައްސާރަކުރާ މީހަކު ކަމުގައެވެ.) މި ސޫރަތް ބާވައިލެއްވީ ކާފިރުންގެ ބޮޑަކު ކަމުގައިވާ، އަދި ނުލަފާކަން ޙައްދުފަނައަޅާފައިވާ މައްކާ މީހުންގެ ތެރޭގައި ހިމެނޭ އަލްއަޚްނަސް ބިން ޝަރީޤާ ބެހޭގޮތުންނެވެ. އޭނާއަކީ ގިނަގިނައިން މީސްތަކުންނާ ބެހޭ، އެބައިމީހުން ނިކަމެތިކޮށް ޢައިބުކިޔާ މީހަކު ކަމުގައި ވިއެވެ. އަދި އޭނާ ރަސޫލުﷲ ﷺ އަށް ހުތުރު އެއްޗެތި ކިޔާކަމުގައި ވިއެވެ. އެކަންތައް އެހެނީ އޭނާގެ ޠަބީޢަތާއި، އަޚްލާޤު ކަމުގައި އެކަން ވަންދެނެވެ. އެހެންނަމަވެސް މިސޫރަތުގައި އައިސްފައިވާ ވާހަކަތަކަކީ ޢާއްމުކޮށް ކޮންމެ މީހަކަށްވެސް ނިސްބަތްވާ ވާހަކަތަކެވެ. އޭނާއަށް ވަކިން ޚާއްޞަވާ ވާހަކަތަކެއް ނޫނެވެ. މާތް ﷲ ﴿لِكُلِّ﴾ (ކޮންމެ މީހަކަށް) ވަޙީކުރައްވާފައި ވާތީއެވެ. އެއީ ޢާއްމުކޮށް އެންމެން ހިމެނޭކަން ދަލީލުކުރާ ލަފުޒެކެވެ. ދެން އެ އަބާއްޖަވެރިޔާގެ ބައެއް ޢައިބުތަކާއި އުނި ސިފަތައް ބަޔާންކުރައްވަމުން ވަޙީކުރައްވަނީ
ނޯޓް